އައިޖީއެމްއެޗް ހޮސްޕިޓަލުގައި ތިބި ބަލި މީހުން ބަދުނާމުވާގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި، ދޮގު ޚަބަރު ނުފެތުރުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައެވެ.
އެ ހޮސްޕިޓަލުން މިގޮތަށް ބުނެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ 2 ބަލި މީހަކާއި ގުޅޭގޮތުން “ދިވެހި ޗެނަލް” އިން ރޭގެ ވަގުތެއްގައި ގެނެސްދީފައިވާ ޚަބަރާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
އައިޖީއެމްއެޗްން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދާ ދެ ބަލި މީހަކާއި ގުޅޭގޮތުން “ދިވެހި ޗެނަލް” އިން ރޭގެ ވަގުތެއްގައި ގެނެސްދީފައިވާ ޚަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލައި، ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭގޮތަށް ފަތުރަމުންދާ ހަބަރެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލަށް އެކި ބަލިބައްޔަށް ފަރުވާ ދެމުންދާ ބަލި މީހުންގެ ތެރެއިން މި ދެ ބަލި މީހުންނަކީ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ އޭރުގެ ހާލަތާއި ގުޅިގެން، ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑް19 އަށް ޚާއްޞަ ހޮސްޕިޓަލުގެ ގޮތުގައި ހަމަޖެހުމާއި ގުޅިގެން މި ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ އަދި ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ރަޖިސްޓަރީކޮށް، އެނދުމަތިކޮށް، އުޞޫލުތަކާއި އެއްގޮތަށް ފަރުވާ ދެމުންދާ ބަލި މީހުން ކަމަށެވެ.
އަދި އަދި މި ބަލި މީހުންނަކީވެސް އާސަންދައިން ކަވަރ ނުކުރާ ޕްރައިވެޓް ރޫމް ޗާޖް ފަދަ ޚަރަދުތައްވެސް، ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ފަރާތްތަކެއްކަން ކަމަށްވެސް ބުބެފައި ވެއެވެ.
“މި ޕޭޝަންޓުންނަކީ މި ހޮސްޕިޓަލުގެ ސީ.އީ.އޯ އިބްރާހީމް ސަލީމްގެ އާއިލީ ބޭފުޅުންކަމުގައި މި ޚަބަރުގައި ރިޕޯޓްކޮށްފައިވާއިރު މިއީވެސް ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމުގައްޔާއި، ހޮސްޕިޓަލުގެ ސީ.އީ.އޯ އާއި މި ޕޭޝަންޓުންނާއި އާއިލީ އެއްވެސް ގުޅުމެއް ނެތްކަމުގައިވެސް ދަންނަވަމެވެ”. އެ ބަޔާނުގައި ވެއެވެ.
އައިޖީއެމްއެޗުން ވަނީ ހޮސްޕިޓަލުގެ އިސްވެރިންނާއި، ޑޮކްޓަރުން އަދި ބަލި މީހުންވެސް ވެސް ބަދުނާމުވާ ގޮތަށް ކަމުގެ ހަގީގަތް އެއްވެސް މިންވަރަކަށް ސާފުކުރުމެއް ނެތި، އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެންމެހައި ރައްޔިތުންގެ ހިތުގައި އިންތިހާއަށް ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި މިފަދަ ދޮގު ވާހަކަތައް ފެތުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް އިލްތިމާސްކޮށްފައެވެ.


