ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުން ފަދަ ޖަރީމައެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް އެމާތް ނަބިއްޔާގެ ޙައްޤުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކޮށްފިއެވެ.
ސަލަފުން މިފަދައިން ބުނެފައިމިވަނީ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލާގައި ރޭ ނެރުނު ބަޔާނެއްގައެވެ.
ސަލަފުގެ ބަޔާނުގައި ބުނެފައިވަނީ ކީރިތި ރަސޫލާ ﷺ އަކީ، ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު މުސްލިމުންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުމީ އީމާންކަން ލާޒިމު ކުރާ ކަމެއް ކަމަށެވެ.
އަދި އެކަމަށްޓަކައި އެކަލޭގެފާނުގެ ޙައްގަށް އަރައި ގަންނަ ކޮންމެ މީހަކަށް ނަފުރަތުކޮށް އެކަލޭގެފާނު ދިފާއުކުރުމުގެ ގޮތުން އެކަމަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.
ސަލަފުން ބުނީ ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް ކަމުގައި ވީހިނދު މި ޤައުމުގެ އެންމެހައި ސިޔާސަތުތަކެއް އެތުރިފައި އޮންނަން ޖެހޭނީ އިސްލާމީ ކަރާމަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ މައްޗަށްކަމަށެވެ.
އެގޮތުން އެއަށްވުރެ މަތީ އިސްކަމެއް ދޭންޖެހޭ އެއްވެސް ގުޅުމެއް އަދި އެއްވެސް މަސްލަހަތެއް އޮވެގެން ނުވާނެކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.
މީގެއިތުރުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރަމުންދާ ހިނދުގައިވެސް އެކަމަށް ފަރުވާލެއް ނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުން ކަމަށްވެސް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މާތް ﷲ سُبْحَانَهُ وَتَعَالَى ވަނީ އެކަނލާގެ އާއި އެ އިލާހުގެ ރަސޫލާ ﷺ ގެ މައްޗަށް އެހެން ފަރާތްތަކާ އޮންނަ ގުޅުންތައް އިސްކުރާ މީހުންނަށް އިންޒާރުގެ ބަސް ވަހީކުރައްވާފައި ކަމަށް ބަޔާންކޮށް އެކަމުގެ މިސާލު ގުރުއާނުން ގެނެސްދީފައިކަންވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަލަފުން ބުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް އިސްލާމީ ޤައުމުތަކާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކާއި ދީނީ އިލްމުވެރިންނާއި ވަކިވަކި އަފުރާދުން ބަޔާންތައް ނެރެ އިންޑިއާ ބޮއިކަޓް ކުރަން ގޮވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާ ﷺ ގެ ދިފާޢުގައި ދިވެހި ރައްޔިތުން ތިބި ތިބުމުގެ މައްޗަށް ޝުކުރު އަދާކޮށް އެ ޖަމުއިއްޔާއިން ހިތްވަރުދޭކަމަށެވެ.
އަދި ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންގެ ލާދީނީ ރިޕޯޓުގައި ރަސޫލާ ﷺ ގެ އަބުރުފުޅަށް އަރައިގަތުމުންވެސް ދިވެހި ރައްޔިތުން ނަމޫނާ ދައްކާފައިވާކަމަށް ސަލަފުން ބުނެފައިވެއެވެ.
އެގޮތުން އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރާކަން ފާހަގަކޮށް އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެ ކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާ ﷺ ގެ ހައްޤުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސްކޮށްފައިވެއެވެ.


