އިންޓަ މިލާން ބަލިކޮށް، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ސެވިއްޔާއިން ހޯދައިފިއެވެ. ޖަރުމަނުގެ ކްލޯންގައި ކުޅެވުނު މިމެޗު ސެވިއްޔާއިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު އިންޓަރ މިލާނުންވަނީ ލީޑު ނަގާފައެވެ. ލުކާކޫއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދީފައިވަނީވެސް ލުކާކޫއެވެ. މެޗުގެ ފަސް ވަނަ މިނަޓްގައި ޔުނައިޓެޑުން ނެގި މިލީޑުގައި ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ސެވިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 12 ވަނަ މިނަޓްގައި އެލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑިޔޯންއެވެ.
އަދި މެޗުގެ 33 ވަނަ މިނެޓުގައި އެވާ ބަނޭގާ ހުރަސްކޮށްދިން ބޯޅައަކުން ޑި ޔޯން ވަނީ ސެވިއްޔާއަށް ލީޑު ނަގާދީފައެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މާސެލޯ ބްރޮޒޮވިޗްގެ އެހީއާއެކު ޑިއޭގޯ ގޮޑިން ވަނީ އިންޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލުކާކޫ އަށް އަނެއްކާ ވެސް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭނާ އެކަނިމާއެކަނި އަރައި ޖެހި ބޯޅަ އަމާޒުވީ ސެވިއްޔާގެ ގޯލްކީޕަރު ޔާސީން ބޯނޫ އަތަށެވެ.
އޭގެ އިރުކޮޅެއް ފަހުން ސެވިއްޔާ އިން އަލުން ލީޑު ނެގި އެވެ. މިއީ އިންޓަގެ ފުރަތަމަ ދެ ގޯލް ޖަހަން މަގުފަހިވި ސެޓްޕީސްތައް ދިން ސެވިއްޔާގެ ކާލޯސް އޭރިއާ ތެރެއިން އޯވާހެޑަކުން ޖެހި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ އިންޓަގެ ފޯވާޑް ލުކާކޫ ފައިގައި ޖެހިފަ އެވެ. ގޯލް ބުޑުގައި ހުރެ އޭނާ އެ ބޯޅައިގައި ފައި ޖައްސާނުލި ނަމަ އެ ބޯޅަ ބޭރަށް ދިއުމުގެ ފުރުސަތު އޮތެވެ.

އިންޓަ އިން ފަހުން ކްރިސްޓިއަން އެރިކްސަން އަރުވައި އަދި އިތުރު ބަދަލުތަކެއް ގެނަ އެވެ. އޭގެ ތެރެއިން ލިބުނު ފުރުސަތެއްގައި އެލެކްސިސް ސަންޗޭޒް ފޮނުވާލި ބޯޅައެއް ސެވިއްޔާ ޑިފެންޑަރު ޔޫލްސް ކޫންޑޭ ވަނީ ގޯލް ރޮނގު މަތިން ސާފުކޮށްފަ އެވެ.
މިއީ ސެވިއްޔާއިން މިމުބާރާތް ކާމިޔާބުކުރި 6 ވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކުލަބަކީވެސް ސެއްވިޔާއެވެ. ސެވިއްޔާއިން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2006 ،2007، 2014، 2015، އަދި 2016 ގެ އިތުރުން 2020 ވަނަ އަހަރުއެވެ


