ފާއިތުވި ހަތަރު އަހަރު މީހުންނަށް ނޭނގި އެންމެ ގިނަ ފަރާތްތަކުން ޝަކުވާ ހުށަހެޅީ ޕީޕީއެމްގައި ނަން އޮތުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އީސީން މިރޭ ވަނީ 2018 އިން މިއަހަރުގެ މިހާތަނަށް ނޭނގި ޕާޓީއަށް ވައްދާފައިވާ ކަމަށް އީސީ އަށް ރިޕޯޓުކޮށްފައިވާ އަމިއްލަ ފަރާތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފަ އެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވި ހަތަރު އަހަރު ނޭނގި އެންމެ ގިނައިން މީހުން ވައްދާފައިވަނީ ޕީޕީއެމަށެވެ. އެގޮތުން 391 ފަރާތަކުން ނޭނގި ޕީޕީއެމްގައި ނަން އޮތުމުން ޝަކުވާ ވަނީ ހުށަހަޅާފަ އެވެ. ދެވަނަ އަށް އެންމެ ގިނައީ އެމްޑީޕީގަ އެވެ. އެގޮތުން އެ ޕާޓީ އަށް 213 ފަރާތެއް އެގޮތަށް ވައްދާފައިވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވެ އެވެ.
ޖުމްހޫރީ ޕާޓީ އަށް އެގޮތަށް ވައްދައިގެން 144 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާއިރު އަދާލަތު ޕާޓީ އަށް އެގޮތަށް ވެއްދި 66 ފަރާތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އީސީން ބުނެ އެވެ.
ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރަން އީސީން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޕާޓީތަކުން ހުށައަޅާ ފޯމުތަކުގައި ސޮއިކުރާ މީހުންގެ ވަނަވަރު އާންމުކުރަން ވެސް ނިންމާފައިވެ އެވެ.
އަދި ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ ހައްލުކުރަން ސައްހަ ނޫން މައުލޫމާތު ހިމެނޭ ފޯމު ހުށަހަޅައިފި ނަމަ ހުށަހަޅާ ކޮންމެ ފޯމަކަށް 10،000ރ. ގެ ޖޫރިމަނާއެއްކުރެވޭނެކަން ވެސް އީސީން ވަނީ އިއުލާންކޮށްފަ އެވެ.


