ފިރިހެނުންގެ ވެސް އޮންނާނީ ހިތެއް!

އިޖުތިމާޢީ ވާހަކަ ފަހުގެ

ފިރިހެނުންނަކީ ވެސް އިންސާނުންނެވެ. އަންހެނުންނެކޭ އެއްފަދައިން ލޯތްބާއި، އަޅާލުމާއި އޯގާވެރިކަން އެމީހުންވެސް ބޭނުންވާނެއެވެ. ދިރިއުޅުމުގައި އެމީހުން ހާސިލު ކުރަން ބޭނުން އެތައް ކަމެއް އެތައް އެއްޗެއް ހުންނާނެއެވެ. ޅަ އުމުރުންސުރެ ދެކޭ އެތައް ބައިވަރު ހުވަފެނެއް ހުންނާނެއެވެ.

ފިރިހެނުންގެ ތެރެއިން ގިނަ ބަޔަކު އެމީހުންގެ އުފާތަކާއި ހަޔާތުގެ އެތައް ވަގުތެއް އަދި އެމީހުން ދެކެމުން އަންނަ އެތައް ހުވަފެނެއް ޤުރުބާން ކޮށްލަނީ ޢާއިލާއާއި އަނބި ދަރިންގެ ޙައްޤުގައެވެ. ލޯބިވާ ބައިވެރިޔާއަށް ޓަކައެވެ. އެބައިމީހުންގެ އުފާތައް ހާސިލު ކޮށްދިނުމަށްޓަކައެވެ. ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައެވެ. އެބައިމީހުންގެ ޝަކުވާތައް އަޑުއެހުމުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކުޑައިރުންސުރެ ފިރިހެން ދަރިންނަށް ދަސްކޮށްދީފައި އޮންނަނީ، ކަންކަމާއި ޝަކުވާ ކުރުމާއި ހިތާމަ ކުރުމާއި، ރުއިމަކީ ހަމަ އެކަނި އަންހެން ކުދިން ކުރާ ކަމެއްގެ ގޮތުގައެވެ. ފިރިހެނަކަށް ކިތަންމެ ހިތާމަވެރި ކަމެއް ދިމާވި ނަމަވެސް ބޭރުފުށުން އެކަން މީސްތަކުންނަށް ފެނުމަކީ އެއްގޮތަކަށް ވެސް މުޖުތަމަޢު ބަލައިގަންނަ ކަމެއް ނޫނެވެ. އެއީ ލަދުވެތި ވާން ޖެހޭ، ހުތުރު ކަމެއްގެ ގޮތުގައި މިއޮންނަނީ އެންމެނަށް ވެސް ގަބޫލު ކުރެވިފައެވެ. އެހެންކަމުން އަންހެނުންނާ ހިލާފަށް ފިރިހެނުން އެމީހުންގެ ޝަކުވާތަކާއި ހިތާމަތައް މާބޮޑަށް ހާމައެއް ނުކުރެއެވެ.

ނަމަވެސް.. އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންގެ ވެސް އިހުސާސްތަކެއް ވެއެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ބޭނުންވެއެވެ. އެމީހުންގެ އަގު ވަޒަންކޮށް އަޑު އަހާނެ ބަޔަކު ބޭނުން ވެއެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު ޝަކުވާ ނުކުރި ނަމަވެސް އެމީހުން އެ ހުރިހާކަމެއް ގުރުބާންކޮށް ބުރަ މަސައްކަތް އެކުރަނީ އަނބި ދަރިންގެ ޙައްޤުތައް އަދާކޮށް ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދިނުމަށެވެ. ނިކަން އެންމެ ދުވަހަކު ޝަކުވާ ނުކޮށް ފިރިމީހާ ކައިރީގައި އޭނަގެ އިހުސާސް ތަކަކީ ކޮބައިތޯ އަހާލާށެވެ. އޭނާގެ ބޭނުން ތަކަކީ ކޮބައިތޯ ވެސް އަހަަލާށެވެ. ފިރިހެނުންގެ ވެސް އޮންނާނީ ހިތެކެވެ. މަރު ނުވާހާ ހިނދަކު ވިންދު ވެސް ޖަހާނެއެވެ.

ނޯޓް.. .. އަންހެނުންގެ ތެރެއިން، މިފަދަ ލިޔުންތައް ކަމުދާނީ ފިރިހެނުންގެ އަގު ވަޒަންކުރާ މަދު ބަޔަކަށެވެ.

✍🏼 ލަޠީފު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ