ހަނިމާދޫ ކައުންސިލުން ނޯތް ލީގަށް ނެރުނު ޓީމް ދެވަނަ މެޗުން ވެސް ބަލިވެއްޖެއެވެ. ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗުންވެސް ބަލިވެފައެވެ.
އިއްޔެ އަމިއްލަ ދަނޑުގައި ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” ވަނީ ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު އަތުން 3-2 އަކުން ބަލިވެފައެވެ. ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު މިމެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ”އެވެ. މެޗުގެ 30 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ އަބްދުﷲ ވާސިރު އެވެ. ފުރަތަމަ ހާފު ނިމުނީ 1 – 0 ން ހަނިމާދޫ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި އާސިފް ސަލީމުގެ ލަނޑުން އެޓީމު އަނެއްކާވެސް ލީޑު ފުޅާކުރި އެވެ.
އެހެންނަމަވެސް އޭގެ ތިން މިނެޓު ފަހުން ޒީނޯ ސްޕޯޓްސް ކުލަބުގެ ހުސެއިން ޒިމްޔާން ވަނީ މެޗުގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގައި ޒީނޯ ސްޕޯޓްސް ކުލަބުގެ ނަތީޖާ ހަމަކުރި ލަނޑު 77 ވަނަ މިމެޓުގައި އެޓީމަށް ޖަހައިދިނީ ވެސް ޒިމްޔާން އެވެ. އަދި މެޗު ނިމެން އެންމެ މިނެޓަކަށްވެފައި ވަނިކޮށް ޒިމްޔާންގެ ލަނޑުން ޒީނޯ ސްޕޯޓްސް ކުލަބު ވަނީ މެޗުގައި ލީޑު ނަގާ މެޗު ކާމިޔާބުކޮށްފަ އެވެ.
އިއްޔެ ކުޅެވުނު އަނެއް މެޗުގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށީގެ ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ޓީމް ނެއްލައިދޫ ބަލިކުރީ 7 – 0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގައި ޒިގްޒެގުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އަދި މުޅި މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ވެސް ޒިގްޒެގުންނެވެ.
މެޗުގައި ޒިގްޒެގުން 7 ލަނޑު ކާމިޔާބުކޮށްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑަކީ ނެއްލައިދޫގެ މުހައްމަދު އާދަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1 – 0 ން ޒިގްޒެގް ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ މިނެޓްތެރޭ ޒިގްޒެގުން ލީޑު ފުޅާކުރިއެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ އުސައިދު އަލީ އެވެ. ޒިގްޒެގްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހްމަދު ޝާހީން ބަޝީރެވެ. މިމެޗުގައި އެޓީމުގެ އަނެއް ތިން ލަނޑު ޖެހީ މުހައްމަދު ނަޝީދު އެވެ. މެޗުގެ ފަހު ލަނޑު ޒިގްޒެގަށް ކާމިޔާބުކޮށްދިނީ ޒައިދު މުހައްމަދެވެ.
މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ހޯމަ ދުވަހު އެވެ. އެދުވަހު ދިއްދޫ ދަނޑުގައި ކުޅޭނީ ޒިގްޒެގް ފޯ ޔޫތް ލިންކޭޖު، އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާ ދެކޮޅަށެވެ. އަދި ހަނިމާދޫ ދަނޑުގައި ހަނިމާދޫ ކައުންސިލްގެ ޓީމް “ޓީމް ހަނިމާދޫ” ނުކުންނާނީ ޓީމް ނެއްލައިދޫއާ ދެކޮޅަށެވެ.


