އާސިފް ކައްޕިތާނުކަމުގައި ނުކުމެ ހަނިމާދޫ ކައުންސިލް ޓީމް، “ޓީމް ހަނިމާދޫ”އަށް ފުރަތަމަ މޮޅު ހޯދައިދީފިއެވެ. މިއީ މިމުބާރަތުގައި އާސިފް ކައްޕި ކަމުގައި އެޓީމް ކުޅުނު ފުރަތަމަ މެޗެވެ.
މިއަދު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނެއްލައިދޫގެ މައްޗަށް ހަނިމާދޫ ކައުންސިލް ޓީމް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ ފުރަތަމަ ހާފުގައި ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ” ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމް (އާސިއްޕެ) އެވެ. ދެވަނަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އަލީ އާމިރުއެވެ. ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަނިމާދޫ ކައުންސިލް ޓީމް “ޓީމް ހަނިމާދޫ”ގެ ކެޕްޓަން އާސިއްޕެއެވެ.
މެޗުގައި ނެއްލައިދޫ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 26 އަލީ ޝަހީންއެވެ.
މިއަދު ކުޅެވުނު އަނެއް މެޗުގައި ކުޅުދުއްފުށީ ޒިގްޒެގާއި އިހަވަންދޫ ކުލަބް ޕޯލްސްޓާ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޒިގްޒެގުންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21 ޒައިދު މުހައްމަދެވެ.
މެޗުގައި އިހަވަންދޫ އިން ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ، މެޗުގެ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 14 މުހައްމަދު ފާރިޝްއެވެ.
އަންނަ ބުދަ ދުވަހު މި މުބާރާތުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އަމިއްލަ ދަނޑުގައި ހަނިމާދޫ ނުކުންނާނީ އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި ދެކޮޅަށެވެ. ދިއްދޫއިން އަމިއްލަ ދަނޑުގައި ނުކުންނާނީ ނެއްލައިދޫއާއި ދެކޮޅަށެވެ.
މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ބުދަ ދުވަހު އެވެ. އެދުވަހު ދިއްދޫ ދަނޑުގައި ކުޅޭނީ ދިއްދޫގެ ބްލެކް ޒީނޯ ސްޕޯޓްސް ކުލަބު އާއި ނެއްލައިދޫ އެވެ. އަދި ހަނިމާދޫ ދަނޑުގައި ހަނިމާދޫ ކައުންސިލްގެ ޓީމް “ޓީމް ހަނިމާދޫ” ނުކުންނާނީ އިހަވަންދޫގެ ކުލަބް ޕޯލް ސްޓަރއާ ދެކޮޅަށެވެ.


