މަތިންދާބޯޓްތަކަށް އަޅާ ޖެޓް ފިއުލްގެ އާ ޝިޕްމަންޓް ލިބުން ލަސްވުމާ ގުޅިގެން ތެޔޮ ވިއްކުން އެމްސީއެލް އިން ލިމިޓްކޮށްފި އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނިން ބުނީ އިއްޔެ އިން ފެށިގެން ތެޔޮ ވިއްކުން ލިމިޓްކުރަން މަޖުބޫރުވީ ގެންނަން އުޅުނު އާ ޝިޕްމަންޓް ވެސް ލިބުން ލަސްވެފައިވާތީ ކަމަށެވެ.
އެމްސީއެލް އިން ބުނި ގޮތުގައި ވަރަށް ބޮޑަށް ލިމިޓްކޮށްގެން މިހާރު ތެޔޮ ވިއްކި ނަމަވެސް އެއްވެސް އެއާލައިނަކަށް ދަތިނުވާނެ ގޮތަށް ޖެޓް ފިއުލްގެ ކަންކަން މެނޭޖްކުރާނެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ހުރިހާ އެއާލައިނަކާ މެދު ވެސް އެއް އުސޫލަކުން އަމަލުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.
އެމްސީއެލް އިން ބުނި ގޮތުގައި މި ވަގުތު ލިމިޓްކޮށްގެން ޖެޓް ފިއުލް ވިއްކި ނަމަވެސް ތެލުގެ އާ ޝިޕްމަންޓް ލިބުމާ އެކި ލިމިޓް އުވާލައި ކުރިއެކާ އެއްގޮތަށް ތެޔޮ ވިއްކާނެ އެވެ.


