ކ. ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މީހަކު ބަރަހަނާކޮށް އަނިޔާކުރި މައްސަލަ ތަހުގީގުކުރަމުން އަންްނަ އިރު، ކުއްޖާ އަށް ޖިންސީ ގޯނާކުރިކަމުގެ ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފި އެވެ.
ސާދަ އަހަރުގެ އަހަރުގެ އަންހެން ކުއްޖަކަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް އަނިޔާކޮށްފައި ވަނީ ގއ. ވިލިގިލީ ޝިހާމް ޝަމޫން ކިޔާ މީހަކަށެވެ.
މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ވިލިގިއްޔާއި ދިއްފުއްޓާ ދެމެދު ވެސް މިހާރު އަރައިރުންގަނޑެއް އުފެދިފައިވާ އިރު ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ އިރު ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ހެކި މިހާތަނަށް ލިބިފައިވާ ކަމަށެވެ.
ދިއްފުށީގެ މި ހާދިސާއާ ގުޅިގެން އެކަން ހުއްޓުވަން މަސައްކަތްކުރި ފުލުހުންތަކަށް އަނިޔާވުމުގެ އިތުރަށް އެ މައްސަލައިގެ ތަހުގީގަށް ދިޔަ ޓީމުގައި ހިމެނޭ ފުލުހަކު އަމަލުކުރި ގޮތާ މެދު ވެސް ކަންބޮޑުވުންތަކެއް ހުރުމާ އެކު އެ މައްސަލަތައް ވެސް އިތުރަށް ބަލަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ. އަދި ފުލުހުންގެ ފުލުހުންނަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، އޭނަގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
“ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތު ކުރެވޭ މީހާ އަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ އާއި ކ. ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.” ބަޔާނުގައި ބުންޏެވެ.
އޭގައި ބުނެފައިވާ ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
“މިފަދަ މައްސަލަތަކާ ގުޅިގެން އެއްވެސް މީހަކު ނުވަތަ ބަޔަކު އަމިއްލަ އަށް ކަންތައްތަކެއް ކުރުމުގެ ބަދަލުގައި، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަ ދައުލަތުގެ އިދާރާތަކަށް އަންގައިގެން، އޮންނަ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް މި ފުރުސަތުގައި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ.” ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހާ އަށް ބަޔަކު އަނިޔާކުރި މައްސަލައިގެ ތެރެއިން އިތުރުން ހަމަނުޖެހުންތަކެއް އުފެދުމުން އެކަން ކޮންޓްރޯލް ކުރަން ޖެހުނީ މާލެ އިން ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ގެ ޓީމެއް ވެސް ދިއްފުއްޓަށް ގޮސްގެންނެވެ.
ޝިހާމަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު، އޭނަގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް މީޑިއާތަކަށް ދީފައިވާ ވީޑިއޯ އިންޓަވިއުއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އަދި އޭނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި “ޖަސްޓިސް ފޯ ޝިހާމް ޝަމޫން” ގެ ނަމުގައި އަންނަނީ ކެމްޕޭނެއް ވެސް ކުރަމުންނެވެ.
އިއްޔެ ވިލިގިލީގައި ވަނީ ދިއްފުއްޓާ ދެކޮޅަށް އަޑު އުފުލުމުގެ ހަރަކާތެއް ވެސް ބާއްވާފަ އެވެ.


