ފަރުކޮޅުފުށި ކައިރިން ފްރީ ޑައިވްކުރަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައިވަނީ ދެކުނު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއެކެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރު ކަމަށާއި އެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މިގޮތުން، އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.


