ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރ.ޓީ.އެލް) ބަހުގެ ޙިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަހުގެ ފުރަތަމަ ޝިޕްމަންޓް 16 ޖުލައި 2022 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެވިފައެވެ. މިގޮތުން ފުރަތަމަ ޝިޕްމަންޓެގައި 36 ބަހެއް ވަނީ ގެނެސްފައެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް، ލ. ގަން ،ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައެވެ.
ބަހުގެ ޙިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫޢު “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޙިދުމަތެކެވެ.
“ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރޓީއެލް ފެރީގެ ޙިދުމަތް ދިނުމާއި އާރޓީއެލް ބަހުގެ ޙިދުމަތް ދިނުމެވެ. މިގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރޓީއެލް ފެރީގެ ޙިދުމަތް ދޭން ވަނީ ފެށިފައެވެ. އަދި ށ. އަތޮޅަށް ފެރީ ޙިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.
ބަހުގެ ޙިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް:

އަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެއެވެ. ބަހުގެ ޙިދުމަތް ދޭން ފެށުމާއެކު 1 ޖުލައި 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައޮތް އަތޮޅު ތެރޭގެ ބަހުގެ ޙިދުމަތް ފެށިގެންދާނެއެވެ. އަދި މާލެ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ޙިދުމަތް ފެށިގެންދާނެއެވެ. އެމްޓީސީސީގެ މަޤްސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޙިދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށް އެކުންފުނިން ބުނެއެވެ.


