ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ފަސޭހަކަމާއެކު ލޮރެންޒޯ ސްޕޯޓްސް ކުލަބު ބަލިކޮށް، ނިއު ރޭޑިއަަންޓް ސްޕޯޓްސް ކުލަބުން ގަލޮޅު ދަނޑަށް އެނބުރި އައުން ބޮޑު މޮޅަކުން ފާހަގަކޮށްފިއެވެ.
ސަސްޕެންޝަނުގައި ތިން އަހަރު ހޭދަކުރުމަށްފަހު ނިއު އަށް އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައުމަށް ފުރުސަތު ލިބުނީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެފްއޭއެމް އިން ނިއުގެ ސަސްޕެންޝަން އުވާލީ އެކުލަބުން ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސިަކަން ކަށަވަރުކުރުމަށްފަހުއެވެ.
މިރޭގެ މެޗުގައި ނިއުގެ ބިދޭސީ ފޯވާޑް ތޯރިގް ޖިބްރީން ވަނީ ހެޓްރިކް ހަދައިފަ އެވެ.
ހަ ލަނޑުގެ ތެރެއިން ފަސް ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. ނިއު އަށް ލީޑް ނަގައިދިނީ ތޯރިގް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. އޭގެ 10 މިނެޓް ފަހުން މުހައްމަދު ލިޔާހް ވަނީ ނިއު އަށް ލީޑް ފުޅާ ކޮށްދީފަ އެވެ. ތޯރިގްގެ ދެވަނަ ލަނޑު އޭނާ ޖެހީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ. ގާނާގެ ފޯވާޑް ކޯފީ އައުސޫ ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ތޯރިގް ވަނީ ހެޓްރިކް ހަދައިފަ އެވެ. ނިއުގެ ހަވަނަ ލަނޑު އަލީ އަޒްމީ ޖެހީ ދެވަނަ ހާފުގަ އެވެ.
އަންނަ އާދިއްތަ ދުވަހަކީ މުބާރާތުގައި އެންމެ ވަރުގަދަ މެޗު ކުޅޭނެ ދުވަހެވެ. ކުރީގެ އެންމެ ވާދަވެރި ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ވާދަކުރާނެ އެވެ.


