ވިކްޓްރީގެ މައްޗަށް ނިއު ކުރިހޯދައިފި

ކުޅިވަރު ފަހުގެ

ދެވަނަ ޑިވިޝަން ފުޓްބޮޅަ މުބާރާތުގައި މިރޭ، ވިކްޓަރީ ސްޕޯޓްސް ކްލަބްފެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކަލްބުން ސެމީ އަށް ދިއުމުގެ އުންމިދު ބޮޑުކޮށްފި އެވެ.

މެޗުގައި ނިއު އަށް ލީޑް ނަގައިދިނީ އަހްމަދު ސުހައިލް (ބަންބުޗު) އެވެ. މެޗުގެ 12 ވަނަ މިނެޓްގައި ނިއުގެ ގާނާގެ ފޯވާޑް ކޯފީ އޮސޫ ދިން ބޯޅަ ހިފައިގެން ސުހައިލް އޭރިއާ ތެރެއަށް ވަނީ މުޅިން ހުސްކޮށެވެ. އޭނާ އަށް ހުރަސް އަޅަން ހުރީ ވިކްޓަރީގެ ކީޕަރު މިސްރުގެ އަހްމަދު ސައްޔިދު އިބްރާހިމް ހެބާ އެވެ. އޭނާ ބޯޅަ އަށް ޑައިވްކުރި ނަމަވެސް ސުހައިލް ފޮނުވާލި ބޯޅަ ގޮސް ގޯލްގެ ކަނަށް ވަނީ ކީޕަރު އަތް ކައިރިން ގޮހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނިއުގެ ދެވަނަ ލަނޑު 42 ވަނަ މިނެޓްގައި ކޯފީ ޖެހީ، ވިކްޓަރީގެ ކީޕަރު ސައްޔިދު އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އޭނާ ކުރިއަށް ދިން ބޯޅަ ވިކްޓަރީގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައިން ދެން ލިބުނީ ސުހައިލް އަށެވެ. އޭނާ ދިން ބޯޅަ ހިފައިގެން ކުރިއަށް އަރައި ކޯފީ ވަނީ ކީޕަރު ސައްޔިދު ކައިރިން ވެސް ނައްޓާލާފައި ގޮސް މުޅިން ހުސްކޮށް އޮތް ގޯލަކަށް ބޯޅަ ވައްދައިލަފަ އެވެ.

ނިއުގެ ތިން ވަނަ ލަނޑު ވެސް ކޯފީ ޖެހީ ހުހަށް އޮތް ގޯލަކަށެވެ. ވިކްޓަރީގެ އޭރިއާގެ އަރި މަތިން ގޯލް ކައިރިން ސުހައިލް ބޯޅަ އަށް އެރުމުން، އޭނާ އަތުން ބޯޅަ ހޯދަން ކީޕަރު ސއްޔިދު ނުކުތެވެ. ކީޕަރު އެރުމުން ގޯލް ކުރިމައްޗަށް އޭނާ ބޯޅަ ހުރަސް ކޮށްދިނުމުން ކޯފީ ވަނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.

މުޅި މެޗުގައި ވެސް ނިއުގެ ޑިފެންސުން ވަނީ ރަނގަޅު ދައުރެއް އަދާކޮށްފަ އެވެ. ފުރަތަމަ ހާފުގައި ގޯލަށް ސީދާ އަމާޒުވާ ގޮތަށް ވިކްޓަރީ އަށް ފޮނުވާލެވުނީ އެންމެ ބޯޅަ އެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ނިއުގެ ޢެރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ވިކްޓަރީގެ އުސާމާ ފޮނުވާލުމުން ނިއުގެ ކީޕަރު މިފްދާދު އަހްމަދު ސަލާމަތް ކުރި އެވެ.

ދެވަނަ ހާފުގައި ނިއު އަށް އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ގާނާގެ ފޯވާޑް ތޯރިގް ޖިބްރީން އަށެވެ. އޭނާ ފޮނުވާލި ހަމަލާތައް މި ހާފުގައި ވިކްޓަރީގެ ކީޕަރު ސައްޔިދު ދިފާއު ކުރި އެވެ. ވިކްޓަރީން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ނިއުގެ ކީޕަރު މިފްދާދު ވެސް ހުށިޔާރު ކަމާއެކު ދިފާއު ކުރި އެވެ.

ވިކްޓަރީގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީ އެއްގައި ޖެހީ ލުބުނާންގެ ފޯވާޑް މުހައްމަދު ޖަލާލް ގްދުވާ އެވެ. އެ ޕެނަލްޓީ އަކީ އޭނާ ބޯޅަ ހިފައިގެން ނިއުގެ އޭރިއާ ތެރެއަށް ވަނުމުން ނިއުގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ނިއުގެ ތާރީގް އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ފާރޫގް ހައިދޮރޯވް ދިން ބޯޅަ ހިފައިގެން ގޮސް ތޯރިގް މަސައްކަތް ކުރީ ކީޕަރު ނައްޓާލުމަށް ފަހު ބޯޅަ ފޮނުވާލާށެވެ. ދެވަނަ ހާފުގައި ރަނގަޅު ސޭވްތަކެއް ކުރި ކީޕަރު ސައްޔިދު އެ ބޯޅަ ހޯދި އެވެ.

މެޗުގެ އެންމެ ފަހު މިނެޓްގައި ނިއު އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުން ނަތީޖާ ފުޅާ ކުރި އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ނިއުގެ ޝަމްވީލް މުހައްމަދަށް ވިކްޓަރީގެ ޑިފެންޑަރުން ފައުލު ކުރުމުން ދިން ޕެނަލްޓީން ލަނޑު ޖެހީ ތޯރިގް އެވެ.

ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް ނިއު އޮތީ ގުރޫޕް 2 ގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ މިއަދު ބީޖީ ބަލިކުރި އެލްޓީ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން އެއްވަނަ އާއި ދެވަނަ ޓީމެވެ. ގުރޫޕް ސްޓޭޖުގައި ނިއު އަދި ވިކްޓަރީ އަށް ވެސް އޮތީ ބާކީ ތިން މެޗެވެ. ވިކްޓަރީ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ