މާލޭގެ އާންމުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރާ ކުޑަގިރިއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އިންޖީނުގޭގެ މަސައްކަތް ނިންމައި، އެ ރަށުގައި ގާއިމްކުރި ނެޓްވޯކަށް ރަސްމީކޮށް ކަރަންޓު ދޭން ފަށައިފިއެވެ.
ކުޑަގިރީގައި ގާއިމްކުރި ނެޓްވޯކަށް ކަރަންޓު ދޭން ފެށުން މިއަދު އިފްތިތާހު ކޮށްދެއްވާފައި ވަނީ ފެނަކައިން ކުޑަގިރީގައި އިމާރާތް ކުރި އިންޖީނުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ނައިބު ރައީސް ފައިސަލް ނަސީމެވެ.
ފެނަކަ އިން ބުނީ މިއީ 350 ކިލޯވޮޓްގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީގައި، އެންމެ ޒަމާނީ ވަސީލަތްތަކާއި އެކު އިމާރާތް ކުރެވިފައިވާ އިންޖީނުގެއެއް ކަމަށެވެ. އަދި އިންޖީނުގެއާ އެކު 50،000 ލީޓަރުގެ ތެޔޮ ރައްކާކުރާ ވަސީލަތް ވެސް ގާއިމުކޮށްފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކައިން މިހާރު ވަނީ، ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް އަވިން އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.
ޕިކްނިކް އައިލޭންޑް މާދަމާ ހުޅުވަން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު ވަނީ އެކަން ފަސްކޮށްފަ އެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ހެދުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 6 މަސް ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.
މި މަސައްކަތުގެ ދަށުން 8 ހެކްޓަރުގެ ބިން ހިއްކުމާއި، 397.27 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެއެވެ. ޕިކްނިކް އައިލެންޑް މަޝްރޫއުގައި ކުޑަގިރި ފަޅުގައި ދެ ރަށް ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ އަށް ހެކްޓަރުގެ ޕިކްނިކް އައިލެންޑަކާއި ސޭންޑްބޭންކް ގޮތަށް ހެދިގެންދާނެ 1.5 ހެކްޓަރުގެ ރަށެކެވެ.


