ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް ނިއު ރޭޑިއަންޓުން ކާމިޔާބު ހޯދައިފިއެވެ. ނިއު މިމެޗު ކާމިޔާބު ކުރީ 2:0 ލަނޑުނެވެ.
މެޗުގައި ނިއުއިން ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގައި މެޗުގެ 33 ވަނަ މިނެޓުގައެވެ. މިއީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުގެ އާދަމް ޝަހީމް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނިއުރޭޑިއަންޓުގެ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫ ކާމިޔާބުކުރި ލަނޑެކެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ނިއުއިން ދެވަނަ ހާފު ފެށިއިރު މިހާފުގައި ނިއުގެ ކުޅުންތެރިން ވަނީ ލަނޑެއްޖަހާ ލީޑު ފުޅާކުރަން ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގައި ނިއުއަށް ކާމިޔާބީއެއް ލިބުނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ފާރޫކްގެ އެހީތެރިކަމާއެކު މިލަނޑު ނިއުއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ލިޔާހް އެވެ.
މި މެޗު ކާމޮޔާބުކޮށް ނިއު ވަނީ ގުރޫޕް 2 ގެ އެއްވަނަ އަށް ޖެހިލައިފަ އެވެ. ދެވަނައިޓައި އޮގީ ލިޓްލް ޓައުން ސްޕޯޓްސް ކްލަބެވެ. ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ނިއު އެއްވަނައިގައި އޮތީ 12 ޕޮއިންޓް ހޯދައިގެންނެވެ. ލިޓްލް ޓައުން އަށް ނުވަ ޕޮއިންޓެވެ. މި ގުރޫޕްގެ ޕޮއިންޓެއް ނުލިބި އޮތީ ބީޖީ އާއި ލޮރެންޒޯ އެވެ.
މުބާރާތުގައި ދެން ނިއުރޭޑިއަންޓުން މެޗެއް ކުޅޭނީ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުގެ ހަވީރުއެވެ. އެފްއޭއެމް ޓާފް 1 ގައި ކުޅޭ މި މެޗުގައި ނިއުއިން ނުކުންނާނީ މަހިބަދޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.


