ރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް، އޭނާގެ ގާތިލުކަމަށް ތުހުމަތުކުރެވޭ ފ. ނިލަންދޫ އަލީ ޝާހިލް ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރު “ތަކެއް” ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ޝިއާއުގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި އެ މުއައްސަސާގެ ޗީޕް ސުޕްރިޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ، މި މައްސަލައިގައި، ކްރައިމް ސީން އިން ޝިއާއު އަށް ހަމަލާދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރު”ތަކެއް” މިހާތަނަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
” އިތުރަށް ހެކި ޤަރީނާ ހޯދުމަށް މިވަގުތުވެސް ސީން ޕްރޮސެސްކޮށް، ހެކި ޤަރީނާ ހޯދުމުގެ މަސައްކަތް މިވަގުތުވެސް ކުރިއަށް ދާކަން އަޅުގަނޑު ފާހަގަކޮށްލަން”. ޗީފް ސިޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު
މި މައްސަލައިގެ މާބޮޑު ތަފްސީލެއް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ފުލުހުން ދީފައެއް ނުވެއެވެ. އަދި އާއިލާގެ އެދުމުގެ މަތިން، ޝިއާއުއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު ހިއްސާކުރުމަށް އުޒުރުވެރިވާކަން ޝިފާއު ފާހަގަކުރެއްވިއެވެ.
ނަމަވެސް އާއިލާގެ ބައެއް މެމްބަރުންނާއި ހަވާލާދީ، ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު އޮތީ ކަރާއި، ފައިގެ ކަކުލުހުޅާއި، އަތުގެ އުޅަނބޮއްޓާ ހަމައިން ބުރިކޮށްލާފައެވެ.


