ފ. މަގޫދޫ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއަރޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މަގޫދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަލްފާޟިލް އަޙުމަދު ހަލީމާއި، މަގޫދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުالله ވަޙީދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަގޫދޫގެ 22.1 ހެކްޓަރުގެ ބިންވަނީ ދިރިއުޅުމަށާއި، ސިނާއި އަދި އިޖްތިމާއީ އެކި ކަންކަމަށް ބޭނުންކޮށް ފުރިފައެވެ. އަދި ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް މަގޫދޫގެ 800 އެއްހާ ރައްޔިތުން އެދި އެދި ތިބޭތާ ވަނީ އެތަކެއް އަހަރުތަކެއް ވެފައެވެ.
އެމްޓީސީސީއިން އެދެނީ މި މަޝްރޫޢުގެ ސަބަބުން މަގޫދޫ ރައްޔިތުންގެ ބިމުގެ ދަތިކަމަށް ހައްލު ލިބިގެން ދިޔުމެވެ. ހަމައެހެންމެ މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ. މި އެއަރޕޯޓްގެ ސަބަބުން އެއަތޮޅުގެ ރައްޔިތުންނަށް މި ސަރަހައްދަށް ދަތުރުކުރުމުގައި އެތަކެއް ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ.
މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، އެއަރޕޯޓް ޤާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 3،339 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ވޭތުވެދިޔަ 3 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.


