ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫޢުގެ ދަށުން ބަނދަރުގެ ޕޭވްމަންޓް މަސައްކަތުގެ 78 އިންސައްތަ، އަދި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 53،522.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 31،575.50 ކިއުބިކް މީޓަރުގެ ބަނދަރުގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 355 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 2583 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
ހަނިމާދޫ ބަދަރު މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. 2020 ވަނަ އަހަރު މޭ 5 ގައި މޮބިލައިޒްކުރެވުނު ހަނިމާދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރީ 57.1 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް މިއަދު އެމްޓީސީސީ ބުނީ މި މަޝްރޫޢަކީ 64.6 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.


