ހުޅުމާލޭ ފޭސް ދޭއްގެ ފުރަތަމަ ސްކޫލް، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) ރަސްމީކޮށް ހުޅުވައިފި އެވެ.
މި ސްކޫލް ރަސްމީކޮށް ހުޅުވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކާމިލް ދީދީ ސްކޫލްގެ ކިޔެވުން ރަސްމީކޮށް މިއަދު ފެށިއިރު އެ ސްކޫލްގައި824 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދެ އެވެ. ފައުންޑޭޝަން ލެވަލް އިން ފެށިގެން ގްރޭޑް ހަޔަކަށް މި ސްކޫލްގައި ތައުލީމް ފޯރުކޮށްދެ އެވެ.
ފައުންޑޭޝަން ލެވެލް ކަމަށްވާ އެލްކޭޖީ އަދި ޔޫކޭޖީއަށް ކިޔަވައިދެނީ ހަތަރު ދަންފަޅިއަކަށް ދެ ކްލާސްރޫމްގައި އެވެ. ގްރޭޑް1-6 ގެ ދަރިވަރުންނަށް ދެ ދަންފަޅިއަށް ކިޔަވައިދެނީ10 ކްލާސް ރޫމްގައި އެވެ.
މި ސްކޫލްގައި މިވަގުތު65 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 47 ޓީޗަރުންނާއި އަށް އިދާރީ މުވައްޒަފުންނާއި10 މަސައްކަތު މީހުންނެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް (ކޭޕީއެސް) ނިސްބަތްވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލް މަޢާރިފް އަލްއުސްތާޛް އަޙްމަދު ކާމިލްދީދީއަށެވެ.
ކޭޕީއެސްގެ ކިޔެވުން ރަސްމީކޮށް މިއަދު ފެށުނު އިރު މި ސްކޫލްގެ ދަރިވަރުން މިއަހަރުގެ ދިރާސީ އަހަރު ފެށުނީންސުރެ މިދިޔަ ހަފްތާގެ ނިޔަލަށް ކިޔަވަން ދިޔައީ ހުޅުމާލޭގެ ހަތަރު ސްކޫލަކަށެވެ. އެއީ މުހައްމަދު ގާސިމް ޕްރީސްކޫލާއި، ގާޒީ ސްކޫލް، ރެހެންދި ސްކޫލް އަދި ހުރަވީ ސްކޫލަށެވެ.


