އައްޑޫ ބަހުން ހުކުރު ހުޠުބާ ކިއުމުން މީދޫގެ މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑުކޮށްފިއެވެ.
” އައްޑޫ ލައިވް” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައިވަނީ އައްޑޫ ސިޓީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ. އޭނާ އައްޑޫ ބަހުން ޚުތުބާ ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
މުޙައްމަދު ރަޝީދާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫގައި އޮންނަ ހުޠުބާ ކޮމެޓީން ބަޔާނެއްގައި ސޮއި ކުރުމަށް އަންގާފައިވާ ކަމަށެވެ. އެ ބަޔާނުގައި އޮތީ މިނިސްޓްރީން ފޮނުވި ހުޠުބާ އެހެން ބަހަކަށް ބަދަލުކޮށްގެން ކިޔާފައިވާ މައްސަލަ ކަމަށް އޭނާ ބުނެފައިވެއެވެ.
“އަޅުގަނޑު ބުނިން ހުޠުބާ ކިޔާފައިވަނީ ދިވެހި ބަހުން ކަމަށް، އަހަރެމެން އެންމެން ވާހަކަ މިދައްކަނީ ދިވެހި ބަހުން ކަމަށް، އިތުރު ބަހަކުން ނޫންކަމަށް، ދެން މިހާރު މައްސަލަ ބަލާކަމަށް ބުނެ މިވަނީ ހުކުރު ކުރުމުން ސަސްޕެންޑުކޮށްފައި” މުޙައްމަދު ރަޝީދު
މުހައްމަދި ރަޝީދު ބުނީ ހުޠުބާގެ މައިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އެގޮތުން ޤުރުއާނާއި ހަދީސް އާއި އޭގެ މާނަ ކިޔާފައިވާނީ ހުޠުބާގައި އޮތް ގޮތަށްކަމަށެވެ. އަދި އެގޮތަށް އައްޑޫ ބަހަށް ބަދަލު ކުރީ ހުކުރަށް ދާ ބިދޭސީންވެސް ހުޠުބާގައި ކިޔާ އެއްޗެއް ސާފު ނުވާ ކަމަށް ބުނާތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މީދޫ މިސްކިތެއްގެ މުދިމަކު ހުޠުބާ ކިޔުމުގެ އުސޫލާއި ހިލާފުވެފައިވާ މައްސަލައެއް ބަލަމުންދާތީ މުދިމު ހުކުރު ކުރުމުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.


