ރާއްޖޭގައި ހަ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުން އަންނާތީ އެ ބަލިތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެޗްޕީއޭ އިން ބުނީ ލޮލު ރޯގާ އާއި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތާއި ރޯގާއި ހުމުގެ އިތުރުން ބޭރަށް ހިންގުމާއި ޑެންގީ ހުމުގެ ބަލި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ.
އެހެންކަމުން ބަލިތައް ދެނެގަނެ އެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ، ވޭތުވެދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮސްޓް މަހު އަރިދަފުސް ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 3088 މީހަކު ވަނީ އަރިދަފުސް ރިޕޯޓްކޮށްފައެވެ. މިއަހަރު ޖުލައި މަހު ރިޕޯޓްކޮށްފައިވަނީ 27،553 މީހުންނެވެ. އޮގަސްޓު މަހު ރިޕޯޓްކުރި އަދަދު އުޅެނީ 25،713 ގައެވެ.
ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރު ވެފައިވެއެވެ. މިއަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހު ޑެންގީހުން ޖެހިގެން ރިފޯޓް ކުރެވުނު އަދަދު ވަނީ ދަށް ވެފައެވެ. އެހެން ނަމަވެސް ޑެންގީހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން މުހިއްމުކަމެކެވެ. ޑެންގީ ހުމުން ރައްކާތެރިވުމަށް ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން،ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ރޯގާޖެހިއްޖެނމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިސޫއެއް ފަދަ އެއްޗެއް އެޅުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމައަށް އެއްލާނުލުމާއި އާއްމު ސާފުތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމށް ސަމާލުކަންދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


