ހއ. ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީން ބުނީ އެ އެއާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ކަމަށެވެ.
ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެން އަޅާ މި އެއާޕޯޓުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މި އެއާޕޯޓުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމުމަށް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.
ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކާފައެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.


