އެންމެ މުހިންމު މުއައްސަސާއަކީ މަންމަގެ އުނގެވެ.

ފަހުގެ ދީން

“އަހަރެންގެ ރާނީ އިނީ އަހަރެންގެ ގޭގައެވެ.” މިއީ ދެ މީހަކު ދެއްކި ވާހަކައެއްގައި އެކުވެރިޔާގެ ކިބައިން އަޑުއިވެމުން ދިޔަ އިބާރާތްތަކަށް ރައްދު ދެމުން އޭނާގެ ރަހުމަތްތެރިޔާ ބުނި ޖުމްލައެކެވެ. އެ ދެ މީހުން އޭރު ތިބީ، ޤައުމީ ފެންވަރެއްގައި ކުރިޔަށްދާ އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ ވާހަކަ ދައްކާށެވެ. އެކަކުގެ އަންހެނުން އެ މުބާރާތުން މިހައިތަނަށް ހޯދި ކާމިޔާބީ އަނެކާއަށް ކިޔައިދެނީއެވެ. ގިނަ މެޗުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ އޭނާގެ އަންހެނުންނަށެވެ. މިހައިތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް އޭނާކަމުގައި ބުނަމުން އެކުވެރިޔާ ދިޔައީ އޭގެ މައްޗަށް ފަޚުރުވެރިވަމުންނެވެ.

މި ވާހަކަތައް އަޑުއަހަންހުރި އޭނާގެ ރަޙުމަތްތެރިޔާ ކުރީ ސުވާލެކެވެ. “މުބާރާތް އޮންނަ ދުވަސްތަކުގައި ދަރީން ބަލަނީ ކާކުހެއްޔެވެ؟” އެކުވެރިޔާ ޖަވާބުދިނެވެ. “ދަރީން ބަލަނީ އޭނާގެ މަންމައެވެ.” ދެންވެސް ސުވާލެކެވެ. “ހުރިހާ ފަރިތަކުރުންތަކެއް ކުރި ދުވަހު ދަރީން ބެލީ ވެސް އެ ކުދިންގެ މާމަހެއްޔެވެ؟” ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. “ނޫން! ބައެއްފަހަރު ބޮޑުދައިތަ، އަނެއްބައިފަހަރު މަގޭ މީހުން، ދެން ގިނައިން އެ ކުދިން ތިބޭނީ އެކަނި.” ހިތާމައިގެ ރާގެއްގައި ރަހުމަތްތެރިޔާ ބުންޏެވެ. “މަންމަގެ ކާމިޔާބީއަށް އެ ކުދިން ވަރަށް ޤުރުބާން ދީފި ދޯއެވެ! އެ ކުދިންގެ ކާމިޔާބީއަށް ޤުރުބާން ދޭނީ ކާކުހެއްޔެވެ؟ އަހަރެންގެ ރާނީ އިނީ އަހަރެންގެ ގޭގައެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މުސްލިމް މުޖުތަމަޢެއްގެ އެންމެ މުހިންމު މުއައްސަސާއަކީ މަންމަގެ އުނގެވެ. އެ އުނގުން ޖާގަ ލިބޭ ކޮންމެ ދަރިޔަކީ މުޖްތަމަޢަށް ފައިދާހުރި ކުއްޖެކެވެ. އެހެން ހުރިހާ ކުދިންނަށް ނަމޫނާ ޝަޚްޞެކެވެ. ހިތްވަރުގަދަ ބަތަލެކެވެ. ޒިންމާދާރު މުވާޠިނެކެވެ. މަންމަގެ އުނގުން ދޭ ތަރުބިއްޔަތާ އެއްވަރު ތަރުބިއްޔަތެއް ދެވޭނެ އެހެން އެއްވެސް މުއައްސަސާއެއް ނުހުންނާނެއެވެ. އެހެންކަމުން އެ އުނގު ޠާހިރުވި ވަރަކަށް ނެރެވޭ ނަތީޖާ ޠާހިރު ވެފައި ސާފުވާނެއެވެ.

ޠުރަތުގެ ސާފުކަން މަތީ ދުނިޔެއަށް ފޮނުއްވާ އިންސާނާ އެ ޠާހިރުކަން މަތީ ދުނިޔެއުޅެން ދަސްކޮށްދެނީ މަންމައެވެ. އެ މަންމައަށް ދީނުން ފިލައިފައިވާ މިންވަރެއްގެ މައްޗަށް މެނުވީ އެކަން ބިނާ ނުވެއެވެ. މާތް ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވުމާއި އަލުން ދިރުއްވޭނެކަމާއި ހިސާބުކިތާބު އެއީ ބެލެވޭނެ އެއްޗެއްކަމާއި އެކަމުގެ ނަތީޖާއަކަށް ސުވަރުގެ ނުވަތަ ނަރަކަ ލިބޭނެކަމާއި މި ހުރިހާ ކަމަކީ ޙައްޤު ތެދުކަން ދަންނަ މައިންނަށް ފުރިހަމަ ތަރުބިއްޔަތަކުން ދަރިން ތަރުބިއްޔަތު ކުރެވޭނެއެވެ. މި މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. މާދަމާ މުސްލިމު އުންމަތާ ޙަވާލުވާން އޮތް ޅަޖީލު ބިނާކުރުމުގައި ޒިންމާވާނެ މީހަކު ނެތެވެ. ބައްޕަ އާމްދަނީ ހޯދުމުގައެވެ. މަންމަ އޭނާގެ ޙައްޤު ޙިމާޔަތް ކުރުމުގައި މަގުމަތީއެވެ. އެގޮތްމިގޮތުން ލިބޭ ރުފިޔާ ފައިސާ ދީފައި ދަރީންބަލަން ބަހައްޓަނީ ބިދޭސީއެކެވެ.

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 89 ވަނަ ޢަދަދުގައި الشَّيْخ مُحَمَّدُ أَفْضَل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ