ޑިމޮކްރަސީގެ އަސާސްތަކަށް ތަބާވުމުގެ ވާހަކައަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވެސް މާ ބީރައްޓެހި ވާހަކަތަކެއް ނޫނެވެ. ބައެއް ވެރީން، އެ މީހުންނަކީ ޑިމޮކްރެޓިކް ވެރީންނޭ ބުނެ ފަޚުރުވެރިވާއިރު، އެ މީހުން އެ ތާއީދުކުރާ ނިޒާމުގެ ތެރޭގައި ވެސް މީސްތަކުންގެ މެދުގައި އެ މީހުންގެ މަޤުބޫލުކަންވަނީ ގެއްލިފައެވެ. އެ މީހުންނަކީ އިތުބާރު ކުރެވޭ ބައެއްކަމުގައި ނުވެއެވެ. ވެރިކަމަށް އައުމަށްވާ ވަޢުދުތަކަކީ “ހޮޅި” ވާހަކަތަކެއް ކަމުގައިމެނުވީ ނުވެއެވެ.
ޑިމޮކްރަސީގެ ގަހުގައި އަޅާ މޭވާއަކީ ވަރަށް ހިތި އެއްޗެކެވެ. ނަމަވެސް، އެ ގަސް އިންދައި އޭގެ މޫތައް މުޖްތަމަޢުގެ ތެރޭގައި ވަކި ހިއްޕައިލުމުން، އެ ނިޒާމު ގެނައުމަށް ގުރުބާންވީ މީހުންނަށް ވެސް އެއިން ސަލާމަތްވާނޭ މަގެއް ނޯވެއެވެ. އާޚިރުގައި ތިމާ ފޭހި އިލޮށިގަނޑު ހެރެނީ ތިމާގެ ލޮލަށެވެ.
އައްޝައިޚު ޞާލިޙުލް މުނައްޖިދުގެ އިސްލާމް ކިޔޫއޭ ވެބްސައިޓްގައި ޑިމޮކްރަސީއާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުން ދެތިން ޖުމްލަޔަކާ މެދު ވިސްނައިލަމާތޯއެވެ. “ޑިމޮކްރަސީއަކީ އިސްލާމް ދީނާ ޚިލާފު ނިޒާމެކެވެ. އެ ނިޒާމުގައި ޤާނޫނު ހެދުމުގެ ބާރު، ﷲ ފިޔަވައި އެހެން ފަރާތަކަށްވަނީ ދީފައެވެ. ގާނޫނު ހެދުމުގެ ބާރު އޮންނަނީ ރައްޔިތުންގެ އަތުގައެވެ. ނުވަތަ އާންމު ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ މެންބަރުންނާ ހަވާލުކޮށްފައެވެ. އެފަދައިން ގާނޫނުތައް ހަދާއިރު ބުރަވަނީ އެންމެން އެއްބަސްވެ އިއްތިފާގުވާ ގޮތުގެ މައްޗަކަށް ނޫނެވެ. އަދި ކިއެއްތަ! އޭގައި ބަލަނީ ގިނަ ބަޔަކު ރުހޭ ގޮތެކެވެ. އެހިސާބުން ގިނަ ބަޔަކު ރުހޭ ގޮތް އެއީ ހުރިހާ އެންމެން އެއަށް އަމަލު ކުރުން ލާޒިމުވާ ގާނޫނުތަކަކަށް ބަދަލުވެގެން ދެއެވެ. އެ ގާނޫނުތައް ސަލާމަތް ބުއްދިއާ ފުށުއެރިޔަސް އެންމެ ރަނގަޅެވެ. ދީނާ ފުށުއަރާ ކަންކަން ހުއްޓަސް ބެލުމެއްނެތެވެ. މިފަދަ ގާނޫންތަކުގެ ތެރެއިން އުފަންކުރާ ކަންކަމުގެ ތެރޭގައި، އެބޯޝަން ހުއްދަ ކުރުމާއި، އެއް ޖިންސުން ކައިވެނިކުރުން ހުއްދަ ކުރުމާއި، ރިބާގެ މުޢާމަލާތްތައް ހުއްދަ ކުރުމާއި، ޝަރުޢީ ޙުކުމްތައް އެކަހެރިކުރުމާއި، ޒިނޭ ހުއްދަކުރުމާއި، ފާހިޝް ޢަމަލުތަކާއި މުންކަރާތްތަކާއި ބަނގުރާ ހުއްދަ ކުރުން ހިމެނެއެވެ.”
އަދިވެސް އެ ލިޔުމުގައިވެއެވެ. “ޑިމޮކްރަސީ އޮތް ގިނަ ގައުމުތަކުގައި މި ނިޒާމަކީ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް އެއްޗަކަށްވަނީ ބަދަލުވެފައެވެ. އެ ނިޒާމަކީ މީހުންނަށް އޮޅުވައިލުމަށް ބޭނުންކުރާ އިބާރާތްތަކަކާއި ގޮވާ ގޮވެލިތަކެއް ކަމުގައިވަނީ ވެފައެވެ. ޙަޤީޤާތުގައި ބާރު އޮންނަނީ އާންމު ރައްޔިތުންގެ އަތުގައެއް ނޫނެވެ. އެއިރެއްގައި ވެރިކަމުގައި ތިބޭ ބައެއްގެ އަތްމަތީގައެވެ.”
“ޑިމޮކްރަސީގެ އަސްލު ޙަޤީޤަތް ފާޅުވަނީ ވެރިކަމުގައި ހުންނަ މީހާ ބޭނުން ނުވާ ގާނޫނުތަކާއި ގަވާއިދުތައް ފައިދަށުލައި އުވާލާ ހިސާބުންނެވެ. އިންތިޚާބުތަކުގައި މަކަރާއި ހީލަތާއި އޮޅުވާލުންތައް ފާޅުވުމުންނެވެ. މިނިވަކަން ހަނިކޮށް އޮބަހައްޓާ ހިސާބުންނެވެ. ތެދު ހަގީގަތް ހަމާކުރާ މީހާގެ އަނގަ ބަންދުކުރުމުންނެވެ. މި ކަންކަމަކީ އިތުރު ހެއްކެއް ބޭނުންނުވާ، އެންމެން ދަންނަ ކަންކަމަށް ވަނީ ވެފައެވެ.”
{ބައްލަވާ!: Concept of democracy in Islam – Islam Question & Answer (islamqa.info) }
ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 89 ވަނަ ޢަދަދުގައި الشَّيْخ حَسَن مُوسَى فِكْرِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


