ދިވެހިރާއްޖެއާއި ގިނީ-ބިސާއުއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފިއެވެ.
ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ރަސްމީ ސިފައެއްގައި ގާއިމްކުރުމަށް އެކުލަވާލި ޖޮއިންޓް ކޮމިއުނިކޭޝަންގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުއެވެ. ގިނީ-ބިސާއު ގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ސުޒީ ކާލާ ބަރްބޯސާ އެވެ.
ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އެކުވެރި ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރުމާއި، ފައިދާކުރަނިވި ޕާޓްނަރޝިޕްތައް ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒެވެ.
ގިނީ-ބިސާއު އަކީ ހުޅަނގު އެފްރިކާގެ އެޓްލާންޓިކް އައްސޭރީގައި އޮންނަ ޓްރޮޕިކަލް ޤައުމެކެވެ. މި ޤައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 1.97 މިލިއަނެވެ. ރިޕަބްލިކް އޮފް ގިނީ-ބިސާއުއަކީ ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކުރި 181 ވަނަ ގައުމެވެ.


