ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ ހުދުކުލައިގެ ކާރަކަށް އަރަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދާ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، މުޙައްމަދު އަޛުހާން (27އ) ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށާއި، މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މުޙައްމަދު އަޛުހާން އެންމެ ފަހުން ފެނިފައިވަނީ މި ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހުގެ ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިންނެވެ.
ފުލުހުން ވިދާޅުވީ އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މުޙައްމަދު އަޛުހާންއާ އަދި ހިޔާ ފްލެޓް ސަރަހައްދުން ފޮޓޯއިން ފެންނަ ހުދުކުލައިގެ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ނުވަތަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓް 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާކަމަށް ބެލެވޭނަމަ ޑްރައިވަރު އެކަން ލަސް ނުކުރައްވައި ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.


