އަޅުގަނޑުމެންނަކީ މުސްލިމުންނީމުއެވެ. އަޅުގަނޑުމެން ޝަހާދަތް ކިޔަމުއެވެ. “أَشْهَدُ أَن لَا إِلهَ إِلَّا اللهُ” މިފަދައިން ކިޔަމުއެވެ. އެކަމަކު މި މަތިވެރި އަދި ބަރަކާތްތެރި ކަލިމަފުޅުގެ މާނަތަކާ މެދު އަޅުގަނޑުމެންނަށް ވިސްނައި ފިކުރު ކުރެވޭތޯއެވެ؟ މި ކަލިމަފުޅުގެ މައްޗަށް ދިރިއުޅުން ބިނާ ކުރުމަށް ޓަކައި ކުރާން ޖެހޭ ކަންތައްތަކަކީ އަދި ކޮށްގެން ނުވާނޭ ކަންތައްތަކަކީ ކޮބައިތޯ މި ސުވާލާ މެދު އަޅުގަނޑުމެންނަށް ވިސްނައިލެވޭތޯއެވެ؟
ޝައްކެއް ނެތެވެ. ” لَا إِلهَ إِلَّا اللهُ” ގެ މާނަ އަކީ ﷲ ފިޔަވައި އެހެން އެއްވެސް އިލާހެއް ނެތުމެވެ. އެހެން ރައްބެއް ނެތުމެވެ. އެހެން ކަލަކު ނެތުމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އިންސާނާ ޢިބާދާތުގެ ޢަމަލުތައް ގަސްތު ނުކުރުމެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ އެއްވެސް ރަސްމެއް ނުހިންގުމެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ގަސްތު ކޮށްގެން ނަމާދު، ނުވަތަ ރޯދަ، ނުވަތަ ޙައްޖު ފަދަ އެއްވެސް ކަމެއް ނުކުރުމެވެ. އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ވެސް އަދި އެހެން އެންމެހައި ގޮތްގޮތުން ވެސް ﷲ އާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވާކަން ޤަބޫލު ކުރުމާ އެކު، އިލާހުވަންތަކަން ލިބިގެންވާ އެއްވެސް އެހެން ފަރާތެއް ވާ ކަމަށް ނުބެލުމެވެ.
ނަމަވެސް މި ހިސާބުން “لا إله إلا الله” ގެ މާނަ ނުނިމެއެވެ. “لا إله إلا الله” ގެ މާނައިގެ ތެރޭގައި، އަޅުގަނޑުމެން މުސްލިމުންގެ ޙަޔާތުގެ ހުރިހައި ކަމެއްގައި މެ މަރުކަޒީ ފަރާތަކީ ﷲ ކަމުގައި ހެދުން ހިމެނެއެވެ. ލޯބި ވުމުގައެވެ. ކިޔަމަންތެރި ވުމުގައެވެ. ހަނދުމަ ކުރުމުގައެވެ. ތަޚްޞީޞް ކުރުމުގައެވެ. މި ހުރިހައި ކަމެއްގައި ވެސް ﷲ އަކީ އަޅުގަނޑުމެންގެ ޙަޔާތުގެ އެންމެ މުހިއްމު ފަރާތް ކަމުގައި ހަދައިލެވުމުން، އަޅުގަނޑުމެންގެ ލޯތްބާއި ކިޔަމަންތެރިކަމާއި ތަޚްޞީޞާއި ޢުބޫދިއްޔަތުގެ އެންމެ މުހިއްމު އަމާޒަކީ އެކަލާނގެ ވަޖުހުފުޅު ކަމުގައި ހަދައިލެވުމުން، ދެން ވާނޭ ގޮތަކީ އެކަލާނގެ އަޅުގަނޑުމެންގެ ކިބައިގައި ލެއްވެވި ހެޔޮ ސިފަތައް އަޅުގަނޑުމެންގެ ކިބައިން ފައުޅު ވާން ފެށުމެވެ. އަޅުގަނޑުމެންގެ މާތް ބަފައިކަލުނަށަވި އާދަމް ޢަލައިހިއްސަލާމްގެ ފިޠުރަތުގައި ލެއްވެވި ރިވެތިހައި ގޮތްތައް އަޅުގަނޑުމެންގެ ނަފުސުން ވެސް ފައުޅު ވުމެވެ. ޙައްޤަށް ލޯބި ކުރުމެވެ. ތެދުވެރި ވުމެވެ. ކޮންމެ ކަމެއްގައި މެ އިޙްސާންތެރި ވުމެވެ. ރަޙްމާއި ހަމްދަރުދީގެ މަތީގައި ދިރިއުޅުމެވެ. ކޮންމެ ރިވެތި އަޚްލާޤެއް އަޅުގަނޑުމެންގެ ޠަބީޢަތުގައި އެމުނިއެކުލެވުމެވެ. އެއާ އެކު، އިބްލީސީ ސިފަތައް ކަމުގައި ވާ ދަހިވެތިކަމާއި، ޙަސަދަވެރިކަމާއި، ބޭޝުކުރުވެރިކަމާއި، އަނިޔާވެރިކަމާއި، ދެންވެސް ހުތުރު އަދި ނުބައި ވެގެން ވީހައި ސިފަތަކަކާއި ކަންކަމުން އަޅުގަނޑުމެންގެ ނަފުސުތައް އެއިރުން ޠާހިރު ކުރެވުމެވެ.
މި ހިސާބުން އިންސާނާ ބަދަލު ވެގެން ދަނީ ކަރާމާތާއި ޙުރުމަތާއި ޝަރަފުގެ ވެރި އާދަމުގެ ދަރިޔަކަށެވެ. އެއިރުން، އޭނާ އަކީ އެންމެ ލޯބިވެރި އަދި އެންމެ ހެޔޮ މަންމަ އަދި ބައްޕަ ކަމުގައި ވެދެއެވެ. އެންމެ އޯގާވެރި އަދި އެންމެ ހެޔޮ ފިރިމީހާ ކަމުގައި އަދި އަނބިމީހާ ކަމުގައި ވެދެއެވެ. އެންމެ ހެޔޮ ދަރި އަދި އެއްބަނޑު މީހާ ކަމުގައި ވެސް ވެދެއެވެ. އެންމެ އަޅައިލުންތެރި އަދި އެންމެ ހެޔޮ އެކުވެރިޔާ އަދި އަވަށްޓެރިޔާ ކަމުގައި ވެސް ވެދެއެވެ. ފަރުދީ އަދި އިޖުތިމާޢީ ބާއްޖަވެރިކަމަކީ މި ގޮތުން މެނުވީ ދެން ކޮން ގޮތަކުން އަންނަ ކަމެއްތޯއެވެ؟ އާދޭހެވެ! “لا إله إلا الله” ގެ މާނަ ދެނެގަނެ، އެ މާނައިގެ މައްޗަށް ދިރިއުޅުން ބިނާ ކުރުމީ އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގެ ބާއްޖަވެރިކަމާއި ކާމިޔާބާއި އުފާވެރިކަމާއި ސުކޫނުގެ ތަޅުދަނޑިއެވެ. ފަރުދެއްގެ ގޮތުން ވެސް، އަދި އިސްލާމީ މުޖުތަމަޢެއްގެ ގޮތުން ވެސް، އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތް “لا إله إلا الله” ގެ ބުންޔާދުގެ މަތީގައި ބިނާ ކުރާން ޖެހޭ އެއް ސަބަބަކީ މިއެވެ.
ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 91 ވަނަ ޢަދަދުގައި الْأُسْتَاذ أَحْمَدُ مَاجِد ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


