މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާކަމަށާއި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، އެ ލޯންޗްއަކީ އިއްޔެ މެންދުރު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ކަމަށެވެ. އަދި އެ ލޯންޗް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ. އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި މާޅޮސް ކައިރިން މިއަދު ފެނުނުއިރު، އަދި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައިވާ ކަަމަށެވެ. އަދި އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި ދެ ވަނަ މީހާ އަދި ނުފެންނައިރު، އޭނަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ


