އަޅުގަނޑުމެންނަކީ މާތް ﷲ އަށް އީމާންވެގެން ތިބި ބަޔަކީމުއެވެ. ހައްޤުގެ މަގުގައި ތިބުމަށް މަސައްކަތްކުރާ މީހުންނީމުއެވެ. އެހެނަސް، އަޅުގަނޑުމެން މުސްލިމުންނަށް ފިތުނަތަކާ ކުރިމަތިލާން ޖެހެނީ ކީއްވެ ބާވައެވެ؟ އަޅުގަނޑުމެން އީމާންވެގެން ތިބި ހާލު ހަޔާތުގައި ދަތިއުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ ކީއްވެ ބާވައެވެ؟ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރާއިރު ވެސް ދިރިއުޅުމުގައި މައްސަލަތައް ދިމާވަނީ ކީއްވެ ބާވައެވެ؟ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ހާލަތަށް ރިޢާތަތްކޮށް އަދި އިސްލާމްދީނަށް ޢަމަލުކުރާ މީހަކަށް އާންމު ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާއި އުނދަގޫތަކުގެ ސަބަބުން މި ސުވާލުތައް ހިތަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. މި ސުވާލުގެ ޖަވާބު ކީރިތި ޤުރްއާނުގެ އެންމެ އާޔަތަކުން ވެސް އަޅުގަނޑުމެންނަށް ލިބިދާނެއެވެ.
ސޫރަތުލް ޢަންކަބޫތުގެ ދެވަނަ އާޔަތް ބައްލަވާށެވެ! ﴿أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ﴾ (العنكبوت: ٢) މާނައީ: “މީސްތަކުން ތިމަންމެން އީމާންވެއްޖައިމުއޭ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނޭ ކަމަށް ހީކުރީ ހެއްޔެވެ؟” މި އާޔަތުގައި ބަޔާންވެފައިވާ ފަދައިން، އަޅުގަނޑުމެންނަށް އެނގިގެން ދަނީ މީހަކު އިސްލާމްދީން ޤަބޫލުކޮށް އީމާންވިޔަސް އެ މީހަކު ހުރިހާ ދަތިތަކާއި، އުނދަގޫތަކުން ސަލާމަތްވުމުގެ ފުރުސަތު ނުލިބޭކަމެވެ. މާތް ﷲ އެ މީހަކު އިމްތިޙާން ކުރައްވާނޭ ކަމެވެ.
އިމްތިޙާނުކުރެއްވުމުގެ މައިގަނޑު އެއް ޙިކުމަތަކީ އެ މީހެއްގެ އީމާންކަމުގެ ތެދުވެރިކަމާއި ދޮގުވެރިކަން ފާޅުކުރެއްވުމެވެ. އޭނާ ވަނީ ފުރިހަމައަށް އީމާންވެގެންކަން، އަދި އެއީ ހަމައެކަނި ދުލުން ބުނެލި ބަހެއް ނޫންކަމާއި ހިތުގައި އެއްވެސް ޝައްކެއް ނެތްކަން ގިނަ ފަހަރު އެނގިގެން ދަނީ އިމްތިޙާނަކާ ކުރިމަތިވުމުންނެވެ. ޙަޤީޤީ މުސްލިމަކީ ދަތިތަކާއި އުނދަގޫ ހާލަތްތަކަކީ ވެސް އިމްތިޙާނެއްކަން ޤަބޫލުކުރާ މީހާއެވެ. އަދި މިފަދަ ހުރިހާ ކަންކަމަށް މާތް ﷲ ނިމުމެއް ގެނެސްދެއްވާނޭ ކަމާ މެދު ޝައްކުނުކުރާ މީހާއެވެ.
ޙަޤީޤީ މުސްލިމަކަށް ވުމަށް ޓަކައި އަޅުގަނޑުމެން މުހިންމު ސިފަތަކެއް އަށަގަންނުވާން އެބަ ޖެހެއެވެ. އެގޮތުން ހުރިހާ ޝިރުކުތަކަކުން ދުރުހެލިވެގެންވާ މީހަކަށް ވާންޖެހެއެވެ. އަދި މާތް ﷲ ހަނދުމަކޮށް ޒިކުރުކުރާ މީހަކަށް ވާންޖެހެއެވެ. ގިނަގިނައިން ސަލާމްގޮވުން އިތުރުކޮށް ބޭކާރު ވާހަކަތަކުން ދުރުހެލިވާން ޖެހެއެވެ. އަދި ތެދުވެރި މީހަކަށް ވާން ޖެހެއެވެ. ސޫރަތުއްތައުބާގައި މާތް ﷲ ބަޔާންކުރައްވައިފައިވެއެވެ.” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުން ވާށެވެ.” މީގެ އިތުރުން ތިމާއަކީ ޚުލްޤުހެޔޮ ދީލަތި މީހަކަށް ވުމަށް މަސައްކަތްކުރާށެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހަކަށް ވާށެވެ. ސޫރަތު ލުޤްމާނުގެ 18ވަނަ އާޔަތުގައިވެއެވެ. ﴿وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ﴾ (لقمان: ١٨) މާނައީ:” އަދި މީސްތަކުންނަށް ކިބުރުވެރިވެ ތިމާގެ ކޯތާފަތް އަނބުރާނުލާށެވެ! (އެބަހީ: މޫނު އަނބުރާނުލާށެވެ.) އަދި ބޮޑާވެގެންވާ ހާލު ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހެއް ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.” ހަމައެހެންމެ، ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަށް ގަދައަޅާ މަސައްކަތްކުރާ މީހަކަށް ވާންޖެހެއެވެ. އައްނިސާ ސޫރަތުގައިވެއެވެ. “ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.”
ބަޔާންވެ ދިޔަ ކަންކަމަށް އިސްކަންދީގެން އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރުމަށް މަސައްކަތްކުރާން ހިނގާށެވެ. އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ އިމްތިޙާނަކުން ފާސްވުމުގެ ތައުފީޤު މާތް ﷲ މިންވަރުކުރައްވާށިއެވެ.
ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 92 ވަނަ ޢަދަދުގައި مُحَمَّد سَمُوْح سَعِيْد ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


