އިސްރާފުކުރުމަކީ އެ ޢަމަލަކުން ދުރުވުމަށް އަޅުގަނޑުމެންގެ މާތް ސާހިބާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم އަދި އަޅުގަނޑުމެންގެ ވެރި ރައްބު ވެސް އަމުރުކުރައްވައިފައިވާ ވަރަށް ނޭދެވޭ ސިފައެކެވެ.
އިސްރާފުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވާކަން އަންގަވައި ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ (الأعراف: ٣) މާނައީ: “ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެ އިލާހު ލޯބިވެވޮޑިގެނެއް ނުވެއެވެ.” އިސްރާފުކުރާ މީހުންނަކީ އެބައިމީހުންނާ ޝައިޠާނާ އާ ދެމެދު ގުޅުމެއް އުފެދިފައިވާ ބައެއްކަން ބަޔާން ކުރައްވައި އެހެން އާޔަތެއްގައި الله سبحانه وتعالى ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ الْمُبَذِّرِينَ كَانُوا إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا﴾ (الإسراء: ٢٧) މާނައީ: “ހަމަކަށަވަރުން، އިސްރާފުކުރާ މީހުންނީ، ޝައިތާނުންގެ އަޚުން ކަމުގައިވޫއެވެ. އަދި ޝައިޠާނާ އޭނާގެ ވެރި ރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާ ކަމުގައިވިއެވެ.” މި އާޔަތުގެ ތަފްސީރުގައި އަލްއިމާމް އަލް ޤުރްޠުބީ رحمه الله ވިދާޅުވެފައިވެއެވެ. “މި އާޔަތުގައި އޮތް (إخوان، އަޚުންތަކެއް) މި ލަފްޒުގެ މުރާދަކީ، އެބައިމީހުން (އެބަހީ އިސްރާފުކުރާ މީހުން) ވަނީ ޝައިޠާނުންގެ ޙުކުމުގައެވެ. އެހެނީ އިސްރާފުކުރާ މީހާ އެ ދަނީ ޝައިޠާނުން ފަދައިން ފަސާދަކުރަމުންނެވެ. ނުވަތަ އެބައިމީހުން އެ ދަނީ އެބައިމީހުންގެ ހަވާނަފުސު އެދޭ ކަންކަމަށް ލެނބި، އެ ކަންތައް ކުރަމުންނެވެ. ނުވަތަ (މި އާޔަތުގެ މުރާދަކީ) މާދަމާ ޝައިޠާނުން ނަރަކައަށް އެއްލައިލެވޭ ހިނދު އެބައިމީހުންނާ އެކުގައި އިސްރާފުކުރާ މީހުން ވެސް ވާނޭ ކަމެވެ.” [((الجامع لأحكام القرآن)) للقرطبي (10/248).]
ނަމަވެސް ހިތާމަޔާ އެކު ދަންނަވަންޖެހެނީ އަޅުގަނޑުމެންނަކީ އާންމުކޮށް ވެސް އިސްރާފުކުރުން ގިނަ ބަޔަކަށް ވީކަމެވެ. އެ ނުބައި އާދަ އަށަގެންފައި ތިބި ބަޔަކަށް ވީކަމެވެ. އެއީ ކެއިންބުއިމަށް ބަލައިލި ކަމުގައި ވީ ނަމަވެހެވެ. ނުވިތާކަށް ވުޟޫކުރުން ފަދަ މުހިންމު ބައެއް އަޅުކަންކަމުގައި ވެސް އަޅުގަނޑުމެން މީ އިސްރާފުކުރުން ބޮޑު ބައެކެވެ. މީގެ އިތުރަށް ހަށިގަނޑަށް ވާގޮތްތަކަށް ބަލާލުމެއް ނެތި ޖެހުނު އެއްޗެއް ކަމުން ދާއިރު، މި އުރެދެވެނީ ކިހާ ބޮޑު ނިޢުމަތަކަށް ކަން ހަނދާނަކު ނުހުރެއެވެ. ތިމާ “ހަބަނޑަށް” ކައި ނިންމައިލި އިރު، އަނގައަށް ލާނޭ ސުވާއެއްގެ މިންވަރު ވެސް ނުލިބިފައި ތިބި މުސްލިމް އަޚުންނާއި އުޚުތުން މުޅި ދުނިޔޭގެ އެތަންމިތަނުގައި ފަޤީރު ނިކަމެތި ޙާލުގައި އެބަ ތިއްބެވެ. ކޮންމެ ރެއަކު ބޮޑެތި ޑަސްބިން ކޮތަޅުތައް ފުރާ އެކިއެކި ކާތަކެތި އުކާލާއިރު، މި ކުރެވެނީ ކިހާ ބޮޑު އިސްރާފެއްކަން ނޭނގެނީތޯއެވެ؟ ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّم މުއްދެއްހައި މިންވަރުގެ ފެނުން ވުޟޫކުރެއްވި އިރު، އަޅުގަނޑުމެން ވުޟޫކުރަން ބާލިދީއެއްހައި ފެން ބޭނުންވަނީ ކީއްވެތޯއެވެ؟ މިހިރަ ކަންކަމަކީ ވަރަށް ވެސް ދެރަ ކަންކަމެވެ.
ވީމާ، އަޅުގަނޑުމެންގެ ކަންކަން ރާވައި ތަރުތީބުކުރާއިރު، ދުވަހުގެ ތާވަލުގައިވާ ގޮތަށް ދުވަސް ވެއަތު ކުރާ އިރު މިއީ ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. އަދި ވީހާ ވެސް ބޮޑަކަށް އިސްރާފުކުރުމުގެ ނޭދެވޭ ސިފަ އަޅުގަނޑުމެންގެ ކިބައިން ނައްތައިލެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެހެން ލާޒިމުކަމެކެވެ.
ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 92 ވަނަ ޢަދަދުގައި الشَّيْخُ مُطِيْعُ إِسْمَاعِيْلُ مُحَمَّدُ ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


