ފާފަތަކުގެ ނުރައްކާތެރިކަން

ފަހުގެ ދީން

ކެހިވެރި އުންމީދުތަކުން ފުރިފައިވާ މީހާއެވެ! އިބިލީހަށް ލަޢުނަތްލެއްވުނީ އަދި ޢިއްޒަތުގެ މަންޒިލުން ބޭރުކުރެވުނީ އެންމެ ސަޖިދައެއް ކުރުމަށް އަމުރުވެވުމުން، އެކަން ދޫކޮށްލީމައެވެ. އާދަމުގެފާނު ސުވަރުގެއިން ނެރުއްވުނީ (ނަހީކުރައްވައިފައިވާ) ގަހުން ފަރީއްކުޅުވުމުންނެވެ. މީހަކު މަރައިލި މީހާ، ސުވަރުގެއާ ދުރުކުރެވެނީ އޭނާ އޮހޮރި ލޭގެ ސަބަބުންނެވެ. (މީހަކާ އިނުމަށް ފަހު) ޒިނޭކުރާ މީހާ ނުބައި މަރަކުން މަރާލުމަށް އަމުރުވެވިފައިވަނީ ޙަރާމްގޮތެއްގައި ހޯދި ކުޑަ އުފަލެއްގެ ސަބަބުންނެވެ. އަދި ޤަޛުފުކުރުމުން ނުވަތަ ރާ ބުއިމުން ބުރަކަށީގައި (ޙައްދުގެ ގޮތުގައި) އެތިފަހަރުތަކެއް ޖެހުމަށް އަމުރުވެވިގެންވެއެވެ. މީހަކު ކުރި ވައްކަމެއްގެ އަގަކީ އެންމެ ތިން ދިރުހަމު ކަމުގައި ވިޔަސް އޭނާގެ ގުނަވަނެއް (އެބަހީ: އަތް) ކަނޑައެވެ. އެހެންކަމުން ތިބާ ކުރާ އެންމެ ފާފައެއްގެ ސަބަބުން ވެސް ނަރަކައިގައި އޮންނަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ! الله تعالى ވަޙީކުރެއްވިއެވެ. ﴿إِذِ انبَعَثَ أَشْقَاهَا‎(١٢)‏ فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا‎(١٣)‏ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا‎(١٤)‏ وَلَا يَخَافُ عُقْبَاهَا ‎(١٥)﴾‏ (الشمس) މާނައީ: “(12)އެބައިމީހުން ކުރެ އެންމެ އަބާއްޖަވެރި މީހާ (ޖަމަލު މެރުމަށް) އަވަސްވެގަތް ހިނދު ހަނދުމަކުރައްވާށެވެ. (13)ފަހެ އެބައިމީހުންނަށް ﷲ ގެ ރަސޫލާ (އެބަހީ: ޞާލިޙުގެފާނު) ވިދާޅުވިއެވެ. ﷲ ގެ ޖަމަލަށާއި އޭގެ ބުއިމަށް ރައްކާތެރިވާށެވެ! (14)ފަހެ އެބައިމީހުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެބައިމީހުން އެ ޖަމަލު މަރައިލިއެވެ. ފަހެ އެބައިމީހުންގެ ފާފައިގެ ސަބަބުން އެބައިމީހުންގެ ރައްބު، އެބައިމީހުންގެ މައްޗަށް ޢަޛާބު ފޮނުއްވިއެވެ. އަދި އެބައިމީހުން އެންމެން، އެ ޢަޛާބުގައި ހަމަހަމަ ކުރެއްވިއެވެ. (15)އަދި ޢަޛާބުގެ ނަތީޖާއާމެދު، އޭނާ (އެބަހީ: އެ ޖަމަލު މެރި މީހާ) ބިރުވެތިއެއް ނުވެއެވެ.”

ބުޅަލެއްގެ ސަބަބުން (އެބަހީ: އެ މަރުވަންދެން އެއަށް ކާންނުދީ ބަންދުކުރުމުގެ ސަބަބުން) އަންހެނަކު ނަރަކައަށް ވެއްދުނެވެ. އެއްވެސް ފަރުވާލެއް ނެތި މީހަކު ބުނާ ބަހެއްގެ ސަބަބުން، އިރާއި ހުޅަނގާ ދެމެދުގައިވާ ދުރުމިނަށް ނަރަކައިގައި އެ މީހަކު އެއްލައިލެވެއެވެ. ފަސްދޮޅަސް އަހަރުވަންދެން ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ މީހާ، މަރުގެ ތަންމަތީގައި ވަޞިއްޔަތްކުރުމުގައި ޢަދުލުވެރި ނުވުމުން، ނުބައި ނިމުމަކުން ނިމި، ނަރަކައަށް ވަދެއެވެ. އުމުރުގެ ނަތީޖާ ބިނާވަނީ އެންމެ ފަހުން އުޅޭ ގޮތުގެ މައްޗަށެވެ. ޢަމަލުތަކުގެ ނަތީޖާ ބިނާވަނީ ޢަމަލުތަކުގެ ނިމުމަށެވެ. ނަމާދު ނިމުމުގެ ކުރިން ވުޟޫ ގެއްލިއްޖެއްޔާ ނަމާދު ބާޠިލުވެއެވެ. އިރުއޮއްސުމުގެ ކުރިން ރޯދަ ވީއްލައިފިއްޔާ އެ ރޯދަ ގެއްލެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އުމުރުގެ ފަހުކޮޅުގައި ނުބައިކޮށް އުޅޭ މީހާ އޭނާގެ ރައްބާ ބައްދަލުވާނީ އެ މޫނާއިގެންނެވެ.

[މަޞްދަރު: الفوائد لابن القيم (ص: 87 – 88)]

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 92 ވަނަ ޢަދަދުގައި الشَيْخ عِمْرَان مُحَمَّد عَلِي ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ