ނަމާދުތަކުގެ ވަގުތާ ބެހޭގޮތުން މާތް ﷲ ކީރިތި ޤުރުއާނުގެ އަލް-އިސްރާ ސޫރަތުގެ 78ވަނަ އާޔަތުގައި އަންގަވަނީ ﴿أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا﴾ (الإسراء: ٧٨) މާނައީ: “އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞުރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދު ޤާއިމު ކުރައްވާށެވެ!) އަދި ފަތިސް ނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސް ނަމާދަކީ، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.”
މި އާޔަތުން ދޭހަވާ އެންމެ ބޮޑު ޚަބަރަކީ ފަތިސް ނަމާދަށާއި އެ ނަމާދުގައި ކިޔަވާ ކިޔެވުމަށް މަލާއިކަތުން ހެކިވެވަޑައިގަންނަވާކަމެވެ. އަބޫ ހުރައިރަތުގެފާނު އަބޫ ސަލަމާގެފާނުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “ޖަމާޢަތުގައި ކުރާ ނަމާދު އެކަހެރިކޮށް ކުރާ ނަމާދަށްވުރެ 25ގުނަ އިތުރުވެގެން ވެއެވެ. ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުން ފަތިސް ނަމާދުގެ ވަގުތުގައި ޖަމާވެތެވެ.” ޙަދީޘްގެ ރާވީ އަބޫ ހުރައިރަތުގެފާނު އިތުރަށް ވިދާޅުވިއެވެ. ތިބާ އެދޭ ނަމަ މާތް ﷲ ގެ ކަލާމްފުޅުން (އެބަހީ: ކީރިތި ޤުރުއާނުން) ކިޔަވާށެވެ. ފަހެ، ފަތިހުގެ ކިޔެވެއްޔަށް މަލާއިކަތުން ހެކިވެވަޑައިގަންނަވައެވެ.” (البخارى)
މި ވާހަކަ ހަމަ މި މޭރުމުން ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންނާއި އިމާމްވެރި ބޭބޭފުޅުން ވަނީ ރިވާކުރައްވައިފައެވެ. ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ދެ އިމާމުން ރިވާކުރެއްވި ޙަދީޘެއްގައި އޮންނަނީ ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުން އަޅުތަކުންގެ ކަންކަން ބެއްލެވުމުގައި ދެ ދަންފަޅިއަށް އުޅުއްވަތެވެ. އެ މަލާއިކަތުން ފަތިހުގައްޔާއި ޢަޞުރުގައި ބައްދަލުވެތެވެ. މަލާއިކަތުން އަޅުތަކުންނާ އެކު އުޅުއްވައިފައި މާތް ﷲ ގެ ޙަޟްރަތަށް އެނބުރި ދިޔުމުން ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ޙާލު އެ މަލާއިކަތުންނާ ސުވާލު ކުރައްވާނެތެވެ. “ތިމަން އިލާހުގެ އަޅުތަކުން ދޫކޮށް ތިޔަ އައީ އެބައިމީހުން ކޮން ހާލެއްގައި ވަނިކޮށްތޯވެ؟” އެ މަލާއިކަތުން ދަންނަވާނެތެވެ. “ތިމަންމެން އިބަ އިލާހުގެ އަޅުތަކުންނާ ބައްދަލުވިއިރު އެބައިމީހުން ތިބީ ނަމާދުގައެވެ. އަދި ތިމަންމެން އެބައިމީހުން ދޫކޮށް އައިއިރު ވެސް އެބައިމީހުން ތިބީ ނަމާދުގައެވެ.”
ޢަބްދުއް ﷲ ބުނު މަސްޢޫދު ވިދާޅުވިއެވެ. “ދެ ދަންފަޅީގެ މަލާއިކަތުން ބައްދަލުވަނީ ފަތިހުގެ ވަގުތެވެ.” މިއީ އަޅުގަނޑުމެންނަށް އޮތް ކިހާ ފަހި ފުރުޞަތެއްތޯއެވެ. މަލާއިކަތުންގެ ހެކިވުން އަޅުގަނޑުމެންގެ އަޅުކަމަށް ލިބޭ ވަގުތެވެ. ޤިޔާމަތް ދުވަހުން، ހިސާބުކިތާބުގެ ވަގުތު އެ މަލާއިކަތުންގެ ހެކިވުން ލިބޭ ބަޔަކު ކަމުގައި ވާނީ މިއަދު ދުނިޔޭގައި މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފީމައިނޫންތޯއެވެ؟
ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 92 ވަނަ ޢަދަދުގައި الشَّيْخ مُحَمَّدُ أَفْضَل ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.


