ނަބަވީ އިރްޝާދުގެ އަލީގައި ދަރަނި

ފަހުގެ ދީން

ދަރަންޏާ ގުޅޭ ގޮތުން އައިސްފައިވާ ނަބަވީ އިރުޝާދުތަކަށް ވިސްނައިލުމުން އެނގެނީ ދަރަނި ނުނެގުމަށް އިސްލާމްދީން ބާރުއަޅާކަމެވެ. ކޮންމެހެން ކުރަން ނުޖެހޭ، ޚަރަދުތައް ކުރުމަށް ދަރަނި ނެގުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޒަމާނުގައި ދަރަންޏެއް އޮތް މީހަކު މަރުވުމުން އެ މަރުވި މީހާގެ އަޚާއަށް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “إنَّ أخاكَ محتبَسٌ بدَينِهِ فاقضِ عنه” (رواه ابن ماجه و صححه الألباني) މާނައީ: “ހަމަކަށަވަރުން ތިބާގެ އަޚާ އެ ވަނީ އޭނާގެ ދަރަނީގައި ހައްޔަރުވެފައެވެ. އެ އަޚާގެ ދަރަނި އަދާކޮށްދޭށެވެ.” އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. “يغْفِرُ اللَّه للشَّهيدِ كُلَّ ذنب إلاَّ الدَّيْنَ” (رواه مسلم) މާނައީ: “ޝަހީދުންގެ ދަރަނި ފިޔަވައި އެހެން ހުރިހާ ފާފައެއް މާތް ﷲ ފުއްސަވައިދެއްވައެވެ.”

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެ ދީނާރުގެ ދަރަންޏެއް އޮތް މީހެއްގެ މައްޗަށް ކަށުނަމާދުކުރުމަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمގެ އަރިއަހަށް ގެނެވުނެވެ. އޭނާގެ ދަރަނި އާދަކުރެވެންދެން އެކަލޭގެފާނު އޭނާގެ މައްޗަށް ކަށުނަމާދު ނުކުރައްވައި މަޑުކުރެއްވިއެވެ. އެ ހިނދު އަބޫ ޤަޠާދާ رضي الله عنه އެ ދަރަނި އަދާކުރެއްވުމުން ޙަދީޘްކުރެއްވިއެވެ. “الآنَ بَرَدَتْ عليهِ جلْدُهُ” މާނައީ: “މިހާރު އޭނާގެ ހަންގަނޑަށް ފިނިކަން ލިބިއްޖެއެވެ.” (مسند أحمد)

ދަރަނި ނުދެއްކި އޮތް ޙާލު މަރާ ބައްދަލުކުރާން ޖެހުމުގެ ނުރައްކާތެރިކަން އިސްވެދިޔަ ޙަދީޘްތަކުން އެނގެއެވެ. ދަރަނި ނަގާ މީހުންގެ ތެރެއިން ގިނަ މީހުންނަށް ފިކުރު ބޮޑުވުމާ ކުރިމަތިލާންޖެހެއެވެ. އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ވިދާޅުވިއެވެ. “إِيَّاكُمْ وَالدَّيْنَ فَإِنَّ أَوَّلَهُ هَمٌّ وَآخِرَهُ حَرْبٌ” (رواه مالك في الموطأ) “ތިޔަބައިމީހުން ދަރަންޏަށް ރައްކާތެރިވާށެވެ. އޭގެ ފުރަތަމަކޮޅުގައި އޮތީ ކަންބޮޑުވުމެވެ. އަދި ފަހުކޮޅުގައި އޮތީ ހަނގުރާމައެވެ.” ދަރަނީގެ ފަހުކޮޅުގައި އޮތީ ހަނގުރާމަ ކަމުގައި ޢުމަރުގެފާނު ވިދާޅުވެފައި ވަނީ ދަރަނި އަދާކުރުމުގައި ފަރުވާކުޑަކުރެވޭ ޙާލަތްތަކުގައި ރަޙްމަތްތެރިންނާއި ގާތްތިމާގެމީހުންގެ ގުޅުން ކެނޑޭތީއެވެ.

ޢަލީގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނަށް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އުނގަންނަވައިދެއްވި ކަލިމަތަކެއް އުނގަންނައިދެން ހެއްޔެވެ؟ މި ކަލިމަތަކުން ދުޢާކުރުމުން ޖަބަލު ޞީރަށްވުރެ ބޮޑު ދަރަންޏެއް ތިބާގެ އޮތަސް، އެދަރަނި އަދާކުރާނެ މަގެއް ﷲ تعالى ދައްކަވާނެތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކިޔާށެވެ. “اللَّهُمَّ اكْفِني بحلالِك عن حرامِك، وأغْنِني بفَضْلِك عمَّن سِواك” މާނައީ: ޔާ ﷲ! އިބަ އިލާހު ދެއްވާ ޙަލާލު ތަކެތީގެ ޛަރީޢާއިން އިބަ އިލާހު ޙަރާމްކުރައްވައިފައިވާ ތަކެތިން ދުރުވުމަށް މި އަޅާއަށް ފުދުންތެރިކަން ދެއްވައިފާނދޭވެ. އަދި އިބަ އިލާހުގެ ފަޟްލުވަންތަވެރިކަމުގެ ޛަރީޢާއިން އިބަ އިލާހު ފިޔަވައި އެހެން ފަރާތަކަށް ބޭނުން ނުޖެހޭނެހެން މި އަޅާއަށް ތަނަވަސްކަން ދެއްވައިފާނދޭވެ.” (صحيح الجامع)

ނޯޓް: މިއީ “ދީނުގެމަގު” މަޖައްލާގެ 93 ވަނަ ޢަދަދުގައި الشَّيْخ مُحَمَّدُ مَعُوْن شَرِيْف ލިޔުއްވާފައިވާ މަޒުމޫނުގެ ނަކަލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ