މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުލާޤީ މިންގަނޑު“ ގައި ގިނަ މީޑިއާތަކުން ސޮއި ކޮށްފި އެވެ.
އެމްއެމްސީން ބުނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
މިއީ ދިވެހި މީޑިއާއިން އަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން، އެކުލަވައިލާފައިވާ “ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑު” ކަމަށް އެމްއެމްސީން ބުނެއެވެ. އަދި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެއެވެ.
ޚަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސް މިންގަޑެކެވެ. ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ.
ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތަށްކަމަށް “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” ގައި ބަޔާންކޮށްފައިވަނީ:
- އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
- އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
- އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން.
- ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
- ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން
މިއަދު މި ސޮއިކުރެވުނު “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމުކަމެކެވެ.
މިއާއިއެކު މީޑިއާ ކައުންސިލުން އެދެނީ ހުރިހާ މީޑިއާތަކުން “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އާއި އެއްގޮތްވާ ގޮތުގެ މަތިން ހަބަރު ފެތުރުމަށެވެ.


