ކ. ހިންމަފުށީގައި ހުންނަ އައްސޭރިޖަލުން ފިލަން އުޅުނު ދެމީހަކު ހުއްޓުވައިފި އެވެ.
ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްސޭރިޖަލުން ދެމީހަކު ފިލަން މަސައްކަތްކުރީ، އެތަނުގެ ފާރުމަތިން އަރައިގެން ކަމަށެވެ.
މި ހާދިސާ ހިނގާ ދިޔަގޮތް މިހާރު ދަނީ ބަލަމުން ކަމަށާއި މިކަން އިތުރަށް ތަކުރާރުނުވާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކުރިއަށް ގެންދާ ގައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ހިންގަމުން ގެންދާ ޖަލެކެވެ.
ރާއްޖޭގައި ޖަލުން މީހުން ފިލުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. އަދި އެގޮތަށް ފިލާ މީހުން މީގެ ކުރިން ވެސް ވަރަށް އަވަހަށް ހޯދައި އަލުން ޖަލަށް ގެންދެ އެވެ.


