ފ. މަގޫދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއަށް ޙަވާލުކޮށްފިއެވެ.
މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.
މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި ޓެކްސީވޭ އޭޕްރަން، ފަޔަރޕެޑް، ޕަސެންޖަރ ޓަރމިނަލް، ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ. ހަމައެހެންމެ މި ސަލާމަތީ ވަސީލަތްތައް ޤާއިމުކުރުމާއި، ފެންސް ޖެހުމާއި، ގޭޓް ހަރުކުރުމާއި ސެކިއުރިޓީ ޗެކްޕޯސްޓް ހެދުންވެސް ހިމެނެއެވެ.
ހަމައެހެންމެ ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އިތުރުން ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް 231.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ. އަދި މި މަޝްރޫޢު ނިންމުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 550 ދުވަސް މުއްދަތެކެވެ.


