ގޮވާން ކަނޑާ ދުވަސް… ޒަކާތް ނެރެންޖެހޭތަ؟

ފަހުގެ ދީން

ދަނޑުގޮވާން ހެއްދުމަކީ އިންސާނުން ބިމުގައި ލެއްވީއްސުރެ ކުރަމުން އަންނަ މަސައްކަތެކެވެ. އެންމެ ފުރަތަމަ ދުނިޔޭގައި އުޅުނު އިންސާނީ ނަސްލުގެ ތެރޭގައި ވެސް ދަނޑުވެރިކަން އޮތެވެ. އެއީ އާދަމުގެފާނުގެ އުފަން ދަރިފަސްކޮޅެވެ. އެކަލޭގެފާނަށް ލިބިވަޑައިގެން ފުރަތަމަ ދަރިފުޅު ޤާބީލު އެއީ ދަނޑުވެރިއެކެވެ. (އަލް-މާއިދާ ސޫރަތުގެ 27ވަނަ އާޔަތުގެ ތަފްސީރުގައި އިބުނު މަސްޢޫދުގެ ކިބައިން އިބުނު ޖަރީރު ރިވާކުރެއްވި ޙަދީޘެއް ހިމަނުއްވައި އިބުނު ކަޘީރު މި ވާހަކަ ގެންނަވައިފައި ވެއެވެ.) އަދި ހަމަ އެހެންމެ ﷲ އާ ކުއްތަންވުމުގެ ގޮތުން ޤުރުބާނީއެއްގެ ގޮތުގައި ދަނޑުގޮވާމުގެ ތެރެއިން ތަކެތި ނެރުމަށް މާތް ﷲ ޤާބީލަށް އަމުރުކުރެއްވިއެވެ. އެހެނަސް ޤާބީލު ނެރުނު ތަކެތި އޮށްޓަރުގެ ގޮތުން ދަށްވެފައި ބަލިކަށިވުމުން އޭނާގެ ފަރާތުން އެ ޤުރުބާނީ އެކަލާނގެ ޤަބޫލެއް ނުކުރެއްވިއެވެ.

މިކަމުން އެނގެނީ އިންސާނުންގެ ޙަޔާތާ ދަނޑުވެރިކަމާ އޮތް ގުޅުމެވެ. ދަނޑުގޮވާމުން ހޭދަކުރަން ޖެހޭކަމެވެ. ދަނޑުގޮވާމުން ހޭދަކުރުމަށް ކީރިތި ޤުރުއާނުގައި ވެސް ވަނީ އަންގަވައިފައެވެ. ވަޙީކުރައްވަނީ ﴿… وَآتُوا حَقَّهُ يَوْمَ حَصَادِهِ …﴾ ‎(الأنعام: ١٤١) މާނައީ: “… އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެން ޒަކާތް ދޭށެވެ! …” އިބްނު ޢައްބާސްގެފާނާއި ޢަލީގެފާނާއި އެނޫން ޞަޙާބީ ބޭކަލުން ވެސް ވިދާޅުވާ ގޮތުގައި މި އާޔަތުގައި މާތް ﷲ އެ އަންގަވަނީ ފަރުޟު ޒަކާތުގެ ވާހަކައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދަނޑުވެރިކަންކުރާ ކޮންމެ މީހަކުމެ އޭނާގެ ދަނޑުން ގޮވާން ކަނޑާ ދުވަހު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭ މިންވަރެއް އޮތިއްޔާ އެ މިންވަރަށް ދަނޑުގޮވާން އޭނާގެ ވިޔަފާރި މުދަލުން ވަކިކުރަން ވާނެއެވެ. އަދި އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދޭން ވާނެއެވެ.

މިއަދު އަޅުގަނޑުމެން ދިވެހިންނަކީ ވެސް ކޮންމެސް މިންވަރަކަށް ދަނޑު ހައްދާ ބައެކެވެ. ވިޔަފާރީގެ އުޞޫލުން ދަނޑުހައްދާ މީހުން ވެސް މަދެކޭ ނުދެންނެވޭނެއެވެ. އެހެންކަމުން “ދަނޑުގޮވާމުން ނެރެންޖެހޭ ޒަކާތް ތިމަންނާމެން ދޭން ޖެހޭނެތޯ؟” ސުވާލުކުރާ ބަޔަކު ދިވެހިންތެރޭ އެބަތިއްބެވެ. އެފަދަ ފަރާތްތަކުގެ އިޚްލާޞް ތެރިކަމަށް އިންތިހާއަށް ތަރުހީބުދެމެވެ. ﷲ އަށް ބިރުވެތިވެ އެކަލާނގެއަށް ކުއްތަންވުމަށް އެދޭ އެދުމަށް ސާބަސް ކިޔަމެވެ. އެ ސުވާލުގެ ޖަވާބުގައި ބުނަން އޮތީ ދަނޑުގޮވާމުގެ ތެރެއިން ޒަކާތް ހިމެނޭ ބާވަތްތަކުގެ އެއްޗެތި މި ރާއްޖޭގައި ނުހައްދާ ކަމެވެ. ދަނޑުގޮވާމުން ޒަކާތް ނެރެން ޖެހޭ ބާވަތްތަކަކީ ކަދުރާއި ގޮދަނާއި ހިމަގޮދަނެވެ. ފަޅޮލާއި ކިއުކަމްބާއާއި ފަތްކެޔޮ ފަދަ އެކިއެކި ތަރުކާރީއާއި މޭވާ އިން ގޮވާން ކަނޑާ ދުވަހު ނެރެންޖެހޭ ޒަކާތެއް ނޯންނާނެއެވެ. ނަމަވެސް އެ ތަކެތިން ވިޔަފާރިކޮށްގެން ލިބޭ މަންފާއިން އެއްކުރާ ފައިސާގައި ނިޞާބުހަމަވެ ހިޖުރީ އަހަރެއް ފުރިއްޖެ ނަމަ އޭގެން މުދަލު ޒަކާތް ނެރުން އެ މީހެއްގެ މައްޗަށް ވާޖިބުވާނެއެވެ.

“ދީނުގެމަގު” ގެ ހެޔޮއެދުންތަކާއެކު ✍️ الشَّيْخ مُحَمَّدُ أَفْضَل

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ