ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗީފް އެގްޒެކިއުޓިވް އޮފިސަރ (ސީއީއޯ) އަކަށް ސ. މަރަދޫފޭދޫ، އެވަރެސްޓް، އިމާދު ސޯލިހް އައްޔަންކޮށްފިއެވެ.
އެންޑީއޭގެ ސީއީއޯ އަކަށް އިމާދު އައްޔަންކޮށްފައިވަނީ، މިދިޔަ އަހަރު ޖެނުއަރީ 18 ގައި އައްޔަންކުރި ސީއީއޯ މަގާމުން ވަކިކުރެއްވުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށް ފަހުގައެވެ.
އެންޑީއޭ އިން ބުނީ އިމާދު ސޯލިހް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވަން ފައްޓަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އިމާދު ސޯލިހަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯ، މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންގަމް އިން މާސްޓާޒް އިން އެޑިޔުކޭޝަނަލް މެނޭޖުމަންޓް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އިމާދަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ވަޒީފާ އިން މަސައްކަތް ފައްޓަވައިގެން އެ ދާއިރާގެ ހިންގުމުގެ މަތީ މަގާމުތައް ވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އިމާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ނެޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރަކީ ނޭޝަންލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތެވެ.


