ޅ. ކުރެންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
އެ ރަށުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަނީ ޢަބްދުލް ހަކީމާއި، ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާޢީލް މަދީހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަސައްކަތް ކުރުމަށް މިމްސް ކޮންސްޓްރަކްޝަންސްއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހުގައެވެ.
އެ މިސްކިތް އިމާރަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށެވެ. މި މަޝްރޫއުގެ އަގަކީ 14،231،686.04 ރުފިޔާ އެވެ.
ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރެވޭ ޖުމްލަ 700 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.


