ރޭ މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް އަނދާފައިވާތީ ސިއްހީ ރައްކާތެރިކަމަށްޓަކައި އެސަރަހައްދަށް އާންމުން ނުދިއުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އިލްތިމާސްކޮށްފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އެކި ކަހަލަ އެލްމިނިއަމްއާއި ގޭސްތައް އަނދާފައިވާއިރު މިއީ އިންސާނުންނަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ ތަކެއްޗެވެ.
މިޑިޔާއަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، މި ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް އެބަހުރިކަމަށެވެ. އަދި ދުމުގެ ތެރޭގައި ހިމެނޭ ކާބަން މޮނޮކްސައިޑް އަދި ނައިޓްރިޖަން އޮކްސައިޑް އަދިވެސް އެކަހަލަ އެކިއެކި މާއްދާތައް މި ސަރަހައްދުގައި ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ މި ސަރަހައްދަށް އާންމުން ނައުމަށް އިލްތިމާސްކުރާކަމަށާއި އަދި ކޮންމެހެން އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކް އަޅައިގެން އައިސް ކުރާކަމެއް ނިންމުމަށްފަހު އަވަހަށް އެ ސަރަހައްދުން ދިއުމަށް ވަނީ އެދިފައެވެ.
ރޭ ދަންވަރު 00:30 ކަންހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާނުގައި ހުންނަ މ. ސެންރޯސް ކިޔާ ގެއެއްގެ އެންމެ ތިރީގައި ހުރި ގަރާޖެއްގައެވެ.


