ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އޮއްބާލާނުލުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިދިކޮޅުން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ، އަލިފާނުގެ ހާދިސާއެއް ހިނގާ އެތައް ބަޔަކު ނިޔާވި ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކުގައިކަމަށެވެ.
މިހާދިސާގައި ނިޔާވި އެންމެހާ ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ދަންނަވާ، ބަޔާނުގައި ވަނީ ހާދިސާ ހިނގުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ޙަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި ޢާންމު ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކޯލިޝަންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ ކުރީގައިވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން، އެވަގުތަށް ވާހަކަތަކެއް ދައްކަވާ އޮއްބާލާ އުސޫލު ދޫކޮށްލާ، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅުމަށާއި، ހަރުދަނާ ސިޔާސަތެއް އެކަށައެޅުމަށްވެސް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަދި މި ހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ޢާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް، މިހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.


