މ. ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެކަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނިގޮތުން މަރުވެފައިވާ މީހުންގެ ތެރެއިން ކާކަން ދެނެގަނެވިފައިވަނީ ނުވަ މީހުންގެ އެވެ. އެކެއްގެ ހަށިގަނޑުން އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.

މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައިވަނީ:
* އިންޑިއާގެ 3 އަންހެނެއްގެ
* އިންޑިއާގެ 4 ފިރިހެނެއްގެ
* ބަގްލަދޭޝް 1 އަންހެނެއްގެ
* ބަގްލަދޭޝް 1 ފިރިހެނެއްގެ
ފުލުހުން ބުނިގޮތުން ކާކުކަން ދެނެގަނެވިފައި ނުވާ ހަށިގަނޑަކީ ފިރިހެނެއްްގެ ހަށިގަނޑެވެ.
އެ ހާދިސާގައި މިހާތަނަށް 10 މީހެއް މަރުވެފައިވާކަން ކަށަވަރުކުރެވިފައި ވާއިރު، އެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެހެންކަމުން، މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް އރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ރެއިންފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ. މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކަށް ބުދަ ދުވަހުގެ ރެއިން ފެށިގެން މިވަގުތުވެސް ދަނީ ސީރިއަސް ހާލަތުގައި ފަރުވާދެމުން ނެވެ. އެއީ ބަގްލަދޭޝް މީހެކެވެ.


