މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް ދިދަ ނަގަން ފަށައިފި

ޚަބަރު އަރކައިވް ފަހުގެ

މާލޭގެ މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް ދިދަ ނަގަން ފަށައިފި އެވެ.

މެދު ޒިޔާރަތުގައި ދިދަ ނުނަގަން ފެށި ސީދާ ތާރީހެއް އިނގޭކަށް ނެތެވެ. ނަމަވެސް އެކަން ހުއްޓާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 90 ދިހައިގެ ތެރޭގައި ކަމަށްވެ އެވެ. ނަމަވެސް މެދު ޒިޔާރަތުގައި އެންމެ ފަހުން ދިދަ ނަގާފައި ހުރި ފޮޓޯއަކަށް ފެންނަން އޮތީ 1986 ވަނަ އަހަރު ފޮޓޯއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

advertisement

އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި ގޮތުގައި، މާލޭގެ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށާއި މިފަދަ ތަންތަން އަންނަން އޮތް ޖީލުތަކަށް ފެންނަން ހުރުން މުހިންމު ކަމަށް ފެންނާތީ ކަމަށެވެ.

މެދުޒިޔާރަތުގައި އަލުން ދިދަ ނަގާފައިވަނީ އެއިރުގެ ފޮޓޯތަކުން ފެންނަން ހުރި ގޮތަށް ތިން ކަން ލާފައި ހުރި ބޮޑު ދިދައަކާއި ކުދި ދިދަ އެކެވެ. ދިދައިގެ ވަށައިގެން ހުންނަނީ ގައުމީ ކުލަތަކުގެ ބޯޑަރެއް ލައިފަ އެވެ. ބޮޑު އެއް ދިދައިގެ އިތުރުން ދެން ޖަހާފައިވަނީ މެދު ސައިޒުގެ 10 ދިދައާއި ޒިޔާރަތުގެ ވަށައިގެން ކުޑަ 24 ދިދަ އެވެ.

މި ދިދަތައް ނެގުމާ އެކު ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން، އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ އެއީ މުންކަރާތެއް ދިރުވުމަށް ކުރަމުންދާ ކަމެއް ކަމަށް ބުނެފަ އެވެ. އިސްލާމް ދީނުގައި އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ވެސް ދީނީ ބައެއް އިލްމުވެރިން ވަނީ ބުނެފަ އެވެ.

އެއާއެކު، 24 ގަޑިއިރު ނުވަނީސް ސަރުކާރުން ވަނީ ދިދަތައް ބާލާފަ އެވެ.

މެދު ޒިޔާރަތަށް “މެދު ޒިޔާރަތް” ކިޔަން ފެށީ އިހު ޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުންނެވެ.

މި ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތެވެ. ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އަދި މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ.

މެދު ޒިޔާރަތް މީގެ ކުރިން އާންމުންނަށްވެސް ހުޅުވާލި އެވެ. އެގޮތުން ފުރަތަމަ ފަހަރަށް އެ ޒިޔާރަތް އާންމުންނަށް ހުޅުވައިލީ 2009 ވަނަ އަހަރު އެވެ. އަދި ފަހުން 2016 ވަނަ އަހަރުވެސް މެދު ޒިޔާރަތް އާންމުންނަށް ހުޅުވާލި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ