ލ. މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ މަހެއްހާ ދުވަސްވުމާ ގުޅިގެން މަސްވެރިންތަކެއް މިއަދު ސުލްހަވެރި އިހުތިޖާތެއް ފަށައިފި އެވެ.
މި އިހުތިޖާހުގައި ބައިވެރި ވަނީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިންނެވެ. އެގޮތުން 22 ދޯންޏެއްގެ މަސްވެރިން މިކަމުގައި ބައިވެރިވެ އެވެ. މަސްވެރިން ބުނެފައި ވަނީ އިހުތިޖާޖަށް ނުކުންނަން ޖެހުނީ މާންދޫ ޕިޝަރީޒް ކޮންފްލެކްސްއަށް މަސްކިރުމަށް ފަހު ފައިސާ ނުލިބޭތާ މަސް ދުވަސްވެ، ފައިސާ ލިބޭނެ ދުވަހެއް ވެސް ނޭނގޭތީ އެކަމުގެ ކަންބޮޑުވުމާ ހެދި އެވެ.

މަސްވެރިން ބުނީ ކިރާ މަހަށް ގަވައިދުން ފައިސާ ނުލިބި ދިގުލައިގެން ދިއުމަކީ އެތައް ތަކުލީފެއް އުފުލަން ޖެހޭ ކަމެކެވެ. މަސްވެރިން ބުނެފައިވާ ގޮތުގައި މާންދޫ ފިޝަރީޒް ކޮންފްލެކްސްއިން ތެލާއި އައިސް ވެސް މަސްވެރިނަށް ރަނގަޅަކަށް ނުލިބެ އެވެ.
މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިލާ ގުރޫޕުގެ ދަށުން ހިންގާ މަސްކާރުހާނާއެކެވެ.


