ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ފަށާފައިވާ އޮޕަރޭޝަންގައި 13މީހަކު ހައްޔަރުކޮށްފިއެވެ. އިއްޔެ ފެށި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޤައުމީ ދިފާޢީ ބާރުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ކައުންޓަރ ޓެރަރިޒަމްގެ މި އޮޕަރޭޝަން އައްޑޫ ސިޓީއާއި މާލޭގައި އެއްގަމާ ކަނޑުގެ ސަރަޙައްދުގައި އަންނަނީ ހިންގަމުންނެވެ.
ފުލުހުން ވިދާޅުވީ މިއޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކުރި 13މީހުންގެ ތެރޭގައި ހިމެނެނީ، އައްޑޫ ސިޓީން ހައްޔަރުކުރި 9 މީހުންނާއި މާލެ ސަރަޙައްދުން ހައްޔަރުކުރި 2 މީހުންނާއި ކ.ގުރައިދޫން ހައްޔަރުކުރި 2 މީހުން ކަމަށެވެ. ހައްޔަރުކުރި އެންމެންނަކީވެސް ފިރިހެނުންނެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގެ ތަފްސީލް ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ދާނެކަމަށެވެ.


