ކުޑަކުދިންނަށް ދޭ ޕެރަސެޓަމޯލްގެ އަށް ވައްތަރަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ, ދެކުނު އިރުމަތީ އޭޝިއާގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ޕެރަސެޓަމޯލް ސިރަޕްގެ އަށް ވައްތަރެއްގައި diethylene glycol and ethylene gelycol ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ނެރެފައިވާ ކަމަށެވެ.
ސަމާލުވުމަށް އެދިފައިވާ 8 ބާވަތް:
- ޓާމޮރެކްސް
- ފްލުރިން ޑީއެމްޕީ
- ޔުނި ބޭބީ ކޯފް ސިރަޕް
- ޔުނި ބޭބީ ޕެރަސެޓަމޯލް ޑްރޮޕްސް
- ޔުނި ބޭބީ ޕެރަސެޓަމޯލް ސިރަޕް
- ޕެރަސަޓަމޯލް ޑްރޮޕްސް
- ޕެރަސެޓަމޯލް ސިރަޕް (މިންޓް)
- ވިޕްކޯލް ސިރަޕް
މި ބޭސްތަކަކީ ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސްތަކަށް ނުވި ނަމަވެސް, ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް އެ ބޭސްތައް އެތެރެވުމުގެ ފުރުސަތު އޮތުމުން އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދެ އެވެ.
އެ އޮތޯރިޓީން ބުނީ, ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު, ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށެވެ.
އަދި އެ ބޭސްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެ އެވެ.


