މާލޭގައި ޑުރަގާއެކު ޕާޓީކުރަނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓް (ޑީއީޑީ)ގެ ޑުރަގް ސްޓޮކް ބަލަހައްޓާ އޮފިސަރެއް ހިމެނޭކަަން ފުލުހުން ޔަގީންކޮށްދީފި އެވެ.
އެ މައްސަލައިގައި ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ އައިމިނަތު ރިޝްފާއާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޑީއީޑީން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި ފުލުހަކީ ޑީއީޑީގެ ބެލުމުގެ ދަށަށް ގެންނަ ޑުރަގް ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް ޑީއީޑީގެ ބެލުމުގެ ދަށަށް ގެންނަ ޑުރަގް ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފުލުހަކަށް ނޯންނާނެ ކަމަށެވެ.


