މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދޭ ހާއްސަ މަރުކަޒެއް ހުޅުވައިފި

ޚަބަރު ފަހުގެ

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި “ހާފްވޭ ސެންޓަރު” ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަދި ސޯޝަލް ކައުންސިލްގެ ވައިސް ޗެއަރޕަރސަން، ޑރ.މުސްޠަފާ ލުޠުފީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގައި އޮތް ޑްރަގްގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްކުރެވޭ މަސައްކަތުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްސަ މަރުކަޒެއް ހުޅުވާފައި ވަނީ ހުޅުމާލޭގައެވެ. ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން މީގެކުރިންވެސް މިފަދަ ސެންޓަރެއް ވަނީ ހިންގާފައެވެ. އެހެންނަމަވެސް އެންމެ އެކަށީގެންވާގޮތުގައި ހިނގަމުން ނުދިޔުމުގެ ސަބަބުން އެތަން ބަންދުކޮށް މަރުކަޒު އަލުން ހުޅުވާފައިވަނީ އެމްޓީސީސީގެ އެހީތެރިކަމާއެކު ޢިމާރާތް އަލުން މަރާމާތުކޮށް އައު ޕްރޮގްރާމްތަކަކާއެކުއެވެ.

ހުޅުމާލޭގައި ޤާއިމުކުރި ހާފްވޭ ސެންޓަރުގެ ފަރުވާ ދޭނީ ގިނަ މުވައްސަސާތަކެއް ގުޅިގެންނެވެ. އެތަނުގައި އެއްފަހަރާ 20 މީހަކު ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭނުންވާ ޑޮކްޓަރުންނާއި ކައުންސިލަރުންނާއި އިދާރީ އެހެނިހެން މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ވަގުތު ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް އަވަސް ފަރުވާ ހަމަޖެހޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށްވެސް އެކަމުން ސަލާމަތްވުމަށްފަހުވެސް “އާފްޓަރ ކެއަރ”ގެ ޚިދުމަތްވެސް ހާފްވޭ ސެންޓަރުން ލިބިގެންދާނެކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

މިސެންޓަރުން މިހަފްތާގައި ޚިދުމަތް ފެށޭނެކަމަށް އެންޑީއޭއިން މައުލޫމާތުދެއްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ