ކޮންމެ ރަށެއްގެ ސިއްޙީ މަރުކަޒު މެދުވެރިކޮށް މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންގެ ތެރެއިން އެކަމުން ސަލާމަތްވާން އެދޭ މީހުންނަށް ފަރުވާ ދިނުމަށް ޤާއިމުކުރި، ހާފްވޭ ސެންޓަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށެވެ. އެހެންކަމުން މިކަމަށް މުޅި ރާއްޖޭގައިވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާއިރު، ފަރުވާއަށް ދެމުންގެންދިޔަ ޕްރޮގްރާމްތައްވެސް މުރާޖާކުރެވިފައިވާކަމަށެވެ. މިއާއެކު އަތޮޅުތެރެއަށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ތަމްރީންކޮށް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭކަން ވަނީ ދެނެގަނެވިފައި. މިއަންނަ އަހަރުގެ ވަރަށް ކުރީކޮޅު، ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސްވަރެއްގެ ޚިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ.” ނަސީމް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތިން ދުރުހެލިވުމަކީ އެއީ ކޮންމެ މީހަކުވެސް އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއްކަމަށެވެ. ގަދަބާރުން އެކަން ނުވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުއަކީ ނަސޭޙަތް ދިނުން އިތުރު ތަނަކަށް ހަދަންޖެހޭކަމަށެވެ.


