ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ޖެންޑަ މިނިސްޓްރީން ބާއްވާ “ރިވެލި މައުރަޒު” މިއަދު ހުޅުވައިފި އެވެ.
ދަރުބާރުގައި ހެނދުނު މައުރަޒު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ. މައުޒަރު ހުޅުއްވައި ދެއްވުމަށް ފަހު އެކަމަނާ
ވަނީ މައުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ވެސް ޙަވާލުކޮށް ދެއްވައިފަ އެވެ.
މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުމުގެ މަގުސަދުގައި ޖެންޑަ މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެކެވެ.
މި އަހަރުގެ މައުރަޒުގައި ބައިވެރިވި 95 މީހަކު ބައިވެރިވެފައިވެ އެވެ. އެ މީހުންގެ އުފެއްދުންތައް ހުށައަޅާފައި ވަނީ ފަސް ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ކާބޯތަކެތީގެ ދާއިރާ އާއި ކުރެހުމުގެ ދާއިރާ އާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާ އެވެ.
މައުޒަރުގައި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.
“ރިވެލި މައުރަޒު” ކުރިޔަށް ދާނީ މިއަދާއި މާދަމާއަށެވެ


